އިންޑިއާގައި ވިހަ ކެމިކަލް ޖެހި އިތުރު ދެ ކޯފް ސިރަޕެއް ބާޒާރުން ނަގަން އަންގައިފި

އިންޑިއާގައި ވިހަ ކެމިކަލް ޖެހި އިތުރު ދެ ކޯފް ސިރަޕެއް ބާޒާރުން ނަގަން އަންގައިފި

Author
ހުސައިން
08 އޮކްޓޯބަރ 2025 08:24
0

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި މަދުވެގެން 20 ކުދިން މަރުވުމާ ގުޅިގެން ކޯލްޑްރިފް ސިރަޕް ވިއްކުން ހުއްޓާލިފަހުން، ވިހަ ކެމިކަލް ޑައިއިތިލީން ގްލައިކޯލް (ޑީއީޖީ) ޖެހިފައިވާ އިތުރު ދެ ކޯފް ސިރަޕެއް ބޭނުން ކުރުން ހުއްޓާލަން ތެލެންގާނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަން (ޑީސީއޭ) އިން އަންގައިފިއެވެ.

މަދްޔަ ޕްރަދޭޝްގެ ޗިންދްވާރާ ޑިސްޓްރިކްޓުން 17 ކުދިންނާއި ބެތޫލް އަދި ޕަންދުރްނާ އިން ތިން ކުދިން މަރުވެފައިވާއިރު، އަލަށް ފެނުނު ދެ ސިރަޕް ވެސް އުފައްދާފައި ވަނީ ގުޖުރާތުގައި ކަމަށް ތެލެންގާނާގެ ޑީސީއޭ އިން ހާމަކޮށްފައި ވެއެވެ. މި ދެ ސިރަޕަކީ ޝޭޕް ފާމާ ޕްރައިވެޓް ލިމިޓެޑުން އުފައްދާ ރިލައިފް ސިރަޕާއި ރެޑްނެކްސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ރެސްޕިފްރެޝް ޓީއާރް އެވެ.

ޑީސީއޭގެ ޑިރެކްޓަރު ޖެނެރަލް ޝަހްނަވާޒް ގާސިމް ވިދާޅުވީ ރީޓެއިލަރުންނާއި ހޯލްސޭލަރުންނަށާއި ހޮސްޕިޓަލްތަކަށް މި ސިރަޕްތައް ވިއްކުން ހުއްޓާލުމަށް ރީޖަނަލް ޑްރަގް އިންސްޕެކްޓަރުންނަށް އަންގާފައިވާ ކަމަށާއި އާންމު ސިއްހަތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތޯ ހާލަތު މޮނިޓާ ކުރަމުންދާ ކަމަށެވެ.

މަދްޔަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި ހެލްތު މިނިސްޓަރު ރާޖެންދުރަ ޝުކްލާ އާއި އޮފިޝަލުން ވަނީ ވިހަ ކޯފް ސިރަޕް ބޭނުންކޮށްގެން 20 ކުދިން މަރުވެފައިވާކަން ކަށަވަރު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.