ޔުމްނު ވެއްޓުނު މައްސަލަ: ދޮގު ބަޔާންދިން ކަމަށް ތުހުމަތު ކުރެވޭ ދާއޫދު ޒިލާލްގެ ބަޔާން ނަގާއިފި

ޔުމްނު ވެއްޓުނު މައްސަލަ: ދޮގު ބަޔާންދިން ކަމަށް ތުހުމަތު ކުރެވޭ ދާއޫދު ޒިލާލްގެ ބަޔާން ނަގާއިފި

Author
ހުސައިން
08 އޮކްޓޯބަރ 2025 01:28
0

ހ. މިޓާޒް ގޭގެ ފުރާޅުމަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދޮގު ބަޔާންދިން ކަމަށް ތުހުމަތުކުރެވިގެން މަގާމުން ވަކިކުރި ރައީސް އޮފީހުގެ ކުރީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލްގެ ބަޔާން ނަގާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މި މައްސަލައިގައި ރައީސް އެކުލަވާލި ކޮމިޝަނުން ޖިނާއީ ތަހުގީގު ހިންގަން ލަފާދިން ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބަޔާން ނަގާފައި ވަނީ ދާއޫދުގެ އެކަނި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ. މި ޖަވާބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުކުރަން މީގެ މަސްތަކެއް ކުރިން ލިޔުއްވި ސުވާލަކަށެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ ހ. މާއިރާ ގެއިން ދާއޫދާ ބައްދަލުވި އިތުރު މީހުންނާ ސުވާލުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދާއޫދު ކޮމިޝަނަށް ދިން ބަޔާނުގައި ބުނީ އެ މައްސަލައިގައި ސަރުކާރުގެ އެއްވެސް ފަރާތަކާ ގުޅާ އެކަމާ ގުޅޭ ވާހަކައެއް ދައްކާފައި ނުވާނެ ކަމަށެވެ. ނަމަވެސް، މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ، ދާއޫދު އޭނާއަށް ގުޅުއްވާ މެސެޖްކުރެއްވި ކަމަށާ އެކަން ބަލައިލާނޭ ކަމަށް ދެންނެވި ކަމަށެވެ.

މީގެ އިތުރުން، ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ބަލަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ތަހުގީގު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޕޮލިސް ކޮމިޔުނިކޭޝަން ސެންޓަރުގެ އެސްއޯޕީ ހަރުދަނާކޮށް ފުލުހުން އަހުލުވެރިކުރުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.