މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހުން ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިމުނު ކަމަށް ބުނެ ފުލުހުން ދޮގު ހަދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލުމަށްފަހު، ބާކީ ތިބި ހަ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހު ޖަހައިފައިވާއިރު، އެ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފަށާފައިވެ އެވެ. އެކަމަކު ފުލުހުން ރޭ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ހައްޔަރީން ރެއިން ފެށިގެން ކާން ފަށާފައިވާ ކަމަށެވެ.
އެމްޑީޕީގެ ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ ފުލުހުން ދޮގު ހަދަމުން އަންނަ ކަމަށާއި، ހައްޔަރީން އަދިވެސް ތިބީ ހަޅުތާލުގައި ކަމަށެވެ. މިފަދަ ދޮގު ވާހަކަތައް ފުލުހުން ފަތުރަނީ ހައްޔަރީންގެ ހިތްވަރު ބަލިކަށިކޮށްލުމުގެ ގޮތުން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ. ބަންދުގައި ތިބީ މަޖިލީހުގެ ކުރީގެ މެންބަރުން ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރެވެ.
ކޮމެންޓު ފޮނުވާ