ޤައުމީ ޑްރަގް ޕޮލިސީ އަންނަ މަހުގެ ނިޔަލަށް ނިންމާލަން މަސައްކަތް ކުރަނީ

ޤައުމީ ޑްރަގް ޕޮލިސީ އަންނަ މަހުގެ ނިޔަލަށް ނިންމާލަން މަސައްކަތް ކުރަނީ

Author
ޙަސަން މުޙައްމަދު
07 އޮކްޓޯބަރ 2025 01:45
0

މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް އދ.އާއެކު މަސައްކަތް ކުރެވި އިނީޝަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއްކަން ވަޒީރުގެ ޖަވާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިޢާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވުނު ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް ނިންމާފައިވެއެވެ. ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.