ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކ. ތުލުސްދޫގައި މިހާރު ޕާސްޕޯޓް ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކަށްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ހާސިލުކުރެވޭ ކުރިއެރުމެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެންބަރު 16ވަނަ ދުވަހު އިފްތިތާޙްކުރެއްވުމުންނެވެ. މިހާތަނަށް ޕާސްޕޯޓުގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅުގައި އެކަންޏެވެ. އެ އަތޮޅުގައި މި ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައެވެ. ރައީސް މުޢިއްޒު ވަނީ މި މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި ޚިދުމަތް އަތޮޅުތަކަށް ފުޅާވުމާއެކު ޕާސްޕޯޓު ހޯދުމަށް މާލެއަށް އަންނަންޖެހޭ ދަތުރުތަކުގެ ބުރަ ރައްޔިތުންނަށް ކުޑަވެގެންދާނެއެވެ. އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ކަނޑައަޅާފައިވާ ރަށުން ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ