ޓްރީ ޓޮޕް ހޮސްޕިޓަލުން މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ "ހިތުގެ ވިންދުން ދުޅަހެޔޮ މާދަމާއަކަށް" ނަމުގައި ހިންގާ މި ކެމްޕެއިންގެ ބޭނުމަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާއި އެކު ލިބޭނެ ގޮތް ހެދުމަށް މާލީ ހުރަސްތައް ނައްތާލުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ކެމްޕެއިންގެ ދަށުން ރަޖިސްޓަރީ ކުރާ ބަލިމީހުންނަށް ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރަކަށް ހިލޭ ދެއްކޭނެ އެވެ. ޑޮކްޓަރު ލަފާ ދީފި ނަމަ އެންޖިއޯގްރަފީ ޓެސްޓު ވެސް ހިލޭ ހެދޭނެ އެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް، ޑރ. މޫސާ މަނިކު އަދި ޑރ. އަޒީޒް އަހުމަދުގެ ބެލުމުގެ ދަށުންނެވެ.
ޑޮކްޓަރަށް ދައްކަން ރަޖިސްޓަރީ ކުރަން ޖެހޭނީ https://forms.gle/SrwxSsf2FmdDzcU2A މި ލިންކުން ލިބޭ ގޫގުލް ފޯމް ފުރިހަމަ ކޮށްގެންނެވެ. ރަޖިސްޓަރީ ކުރުމަށްފަހު، އެޕޮއިންޓްމަންޓް ކަށަވަރު ކުރަން ޓްރީ ޓޮޕްގެ ކޯލް ސެންޓަރުން ބަލިމީހާއަށް ގުޅާނެ އެވެ. އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ މާލީ ބުރައެއް ނެތި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ މަޝްވަރާއާއި މުހިންމު ޓެސްޓުތައް ހެދުމުގެ ފުރުސަތު އާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. ކޮންސަލްޓޭޝަން އަދި އެންޖިއޯގްރަފީ ހިލޭ ހަދާއިރު، އެހެނިހެން ޓެސްޓުތަކާއި ފަރުވާތަކަށް ހޮސްޕިޓަލުގެ އާންމު އުސޫލުން ފީ ނަގާނެ އެވެ.
ކޮމެންޓު ފޮނުވާ