ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ މުދައްރިސުންގެ ދުވަސް މިއަހަރުވެސް ރާއްޖޭގެ ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މުދައްރިސުންނަށްވުރެ ޝަރަފުވެރި އަދި ޤަދަރުވެރި ބައެއް ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނުތިބޭނެކަމަށެވެ. ވަޒީރު ވިދާޅުވީ ޕައިލެޓުންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުން ފަދަ ހުރިހާ ފަންނެއްގެ މީހުން ބިނާކުރާ މޭސްތިރިންނަކީ މުދައްރިސުންކަމަށެވެ.
1994 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިއާރުން ހާމަކުރަނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ. ޤައުމުތަކުގެ ޖީލުތައް ބިނާކުރުމުގައި މުދައްރިސުން ކުރާ ބުރަމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ