ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުން ހުއްޓުވުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަނީ

ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުން ހުއްޓުވުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަނީ

ގުޅުންހުރި

މާލޭގައި އެމްޑީޕީން ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ބޭނުންކުރި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސްގެ (އެލްއާރުއޭޑީ) ބޭނުންކުރުން ހުއްޓުވުމަށް އޮންލައިން ޕެޓިޝަނެއް ފެށިގެން އެ ޕެޓިޝަންގައި 51 މީހަކު ސޮއިކޮށްފައިވެއެވެ. އެމްޑީޕީގެ "ލޫޓުވައިފި" އެއްވުން ބޭއްވިއިރު ފުލުހުން ހާލަތާ ނުބައްދަލުވާ ބާރު ބޭނުންކުރި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

170 ޑެސިބެލްއަށް ވުރެ ބާރު އަޑު ފޮނުވާ އެލްއާރުއޭޑީ ބޭނުންކޮށްފައިވުމުން އެއްވުމުގައި ބައިވެރިވި މީހުންނާއެކު ހިސާބުގަޑުގައި ތިބި ކުޑަކުދިންނާއި ނިދާފައިތިބި މީހުންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ޕެޓިޝަންގައިވެއެވެ. 30 އިން 45 މިނިޓާ ދެމެދުގެ ވަގުތަކަށް އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން ގިނަ މީހުންގެ އަޑުއިވުމަށް ދާއިމުގެ ގެއްލުން ލިބުނު ކަމަށް ވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

އަޑުއިވުމަށް ލިބޭ ގެއްލުމުގެ އިތުރުން އެލްއާރުއޭޑީ ބޭނުންކުރުމަކީ ގާނޫނުއަސާސީ އާއި ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ ހައްގު ނިގުޅައިގަންނަ ކަމެއް ކަމަށް ޕެޓިޝަންގައިވެއެވެ. އަދި އެލްއާރުއޭޑީ އިޒްރޭލުގެ އަސްކަރީ ޓެކްނޮލޮޖީއާ ގުޅުންހުރި ކަމުން އެ ބޭނުންކުރުމަކީ ރާއްޖޭގައި އިޒްރޭލުގެ އުފެއްދުންތައް ބޭނުންކުރުން މަނާކޮށްފައިވާ ކުރުމަށް ފުށޫއަރާ ކަމެއް ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

ޕެޓިޝަންގައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މިކަން ތަހުގީގުކުރުމަށާއި ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި ގެއްލުންދޭ ފަދަ އާލާތްތައް ފުލުހުން ބޭނުންކުރުން ހުއްޓާލުމަށާއި އެމްނެސްޓީ އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން މިކަންކަން ބަލައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފައިވެއެވެ.

ނަމަވެސް ފުލުހުން ނެރުއްވި ބަޔާނެއްގައި ވަނީ އެއްވުން ރޫޅާލުމުގައި ބޭނުންކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށާއި އެ އެއްވުން ހުއްޓުވުމުގައި ބާރުގެ ބޭނުންކޮށްފައިވަނީ ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ހުއްދަކޮށްފައިވާ މިންވަރަށް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ