އިދިކޮޅު އެމްޑީޕީން މާލޭގައި އިއްޔެ ރޭ ބޭއްވި މުޒާހަރާގައި ބައިވެރިވި ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އަށް ހާޓްއެޓޭކް ޖެހިގެން ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މި ހާދިސާގައި ރަސްލާން އަށް ހާޓް އެޓޭކް ޖެހި ހާލު ވަރަށް ސީރިއަސްވެފައިވާ ކަމަށް އެނގިފައިވެއެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ރަސްލާން އަށް ހާޓް އެޓޭކް ޖެހުމުގެ ސަބަބަކީ ފުލުހުން އޭނާއާ ވަރަށް ގާތުން ޕެޕާ ސްޕްރޭ ޖެހުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރި ކަމަށެވެ. އިބޫ ތުހުމަތު ކުރެއްވި ގޮތުގައި ރަސްލާން އަށް ޕެޕާސްޕްރޭ ޖަހައި، ތޫނު އަޑު ފޮނުވާ އެލްއާރުއޭޑީ ހަތިޔާރު ބޭނުންކޮށްގެން އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން ގޮސް މި ހާދިސާ ހިނގައިގެން ގޮސްފައިވެއެވެ.
ރައްޔިތުންގެ އަޑު ކަނޑުވާލަން މިފަދަ އަނިޔާވެރި ގޮތްތައް ބޭނުންކުރުމަކީ ސަރުކާރަކުން ގާނޫނަށް ތަބާނުވާކަމުގެ ހެއްކެއް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އެމްޑީޕީން ވަނީ ރަސްލާން އަށް ހާޓްއެޓޭކް ޖެހުނީ ވަރަށް ކައިރިން ފުލުހުން ޕެޕާ ސްޕްރޭ ޖަހައި ސިއްހީ ހާލަތު ގޯސްވެގެން ކަމަށް ބުނެފައެވެ.
މި މުޒާހަރާގައި އަށް މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތަކަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި ބޭއްވި މި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ރަސްމީ ބަޔާނެއް ނެރެފައެވެ.
ކޮމެންޓު ފޮނުވާ