ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުވުމަށްޓަކައި، ރާއްޖެއާ ގާތް ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގިނައިން ގެނައުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއަރމަން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ "ޓޫރިޒަމް އެޓް 50 ޕްލަސް" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ މި ޕޮޑްކާސްޓުގައި، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ބޭރުގެ ކުއްލި ލޮޅުންތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެންމެ އެދެވޭ ގޮތަކީ ކޮބައިކަމާމެދު ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މަޓީގެ ވައިސް ޗެއަރމަން ހުސައިން އަފީފް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ދުރު މަންޒިލްތަކުގެ ފަތުރުވެރިންނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ކައިރި ސަރަހައްދުތަކުގައިވާ ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމުކަމަށެވެ. އަފީފް ވިދާޅުވީ، މިފަދަ ސްޓްރެޓެޖީއެއް ގެންގުޅުމުން، އެކިއެކި ސަބަބުތަކާ ހުރެ ފަތުރުވެރިކަމަށް ލޮޅުން އަރާ ހާލަތްތަކުގައި، އެ ލޮޅުމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ ކައިރީގެ މާކެޓްތަކުން ފުޓް ހޯލްޑް ބޮޑުކުރުން އަސްލު ވަރަށް މުހިންމުކަމަށް. އެއީ ޔޫރަޕްގެ ހިސާބުގައި އެމީހުން ކޮންމެ ކަމެއް ކުރިޔަސް މިހިސާބުގައި އުޅޭ ގެސްޓުން އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ވަރަށް މުހިންމުކަމެއް ކަމަށް،" މަޓީގެ ވައިސް ޗެއަރމަން ހުސެއިން އަފީފް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށާއި، ކޮންމެ ހާލަތެއްގައިވެސް ދެމިހުރެވޭނެ ގޮތަކަށް މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.
މާޒީއަށް ބަލާއިރު، ބޭރުގެ ކުއްލި ލޮޅުންތަކުގެ ސަބަބުން ތަފާތު އެކި ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެފައިވެއެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ގިނަ ރިސޯޓުތަކަކަށް ލިބުނު ގެއްލުމާއެކު، ދިގު މުއްދަތަކަށް ފަތުރުވެރިންގެ ޒިޔާރަތްތައް މުޅިން ހުއްޓުމަކަށް އައިއެވެ. 2008 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ފަތުރުވެރިންގެ ޚަރަދުކުރުން މަދުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ފެތުރުނު ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތައް ބަންދުވެ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައި ހިނދު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓި، މި ދާއިރާއިން ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓުމަކަށް އައިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ