އެއްވުން ނިންމާލީ ސުލްހަވެރިކަމާއެކު: އެމްޑީޕީ

އެއްވުން ނިންމާލީ ސުލްހަވެރިކަމާއެކު: އެމްޑީޕީ

Author
ޙަސަން މުޙައްމަދު
04 އޮކްޓޯބަރ 2025 10:31
0

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި އެއްވުން ސުލްހަވެރި ގޮތުގައި ކުރިއަށް ގެންދެވުނު ކަމަށް އެ ޕާޓީން ބުނެފި އެވެ. އެކަމަކު އެއްވުމުގެ ބައެއް ހިސާބުތަކުން ފުލުހުންނާއި ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ވަނީ 8 މީހަކު ހައްޔަރުކޮށްފަ އެވެ.

ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން ލާފައި އެއްވުމުގެ ބައިވެރިން ދާން ދިމާކުރި ހިސާބުންނެވެ. އެ އެއްވުން ކޮންޓްރޯލް ކުރަން ދޭތެރެދޭތެރެއިން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ވެސް ޖަހައިފައި އެވެ. އެއްވުން ނިންމާލީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން 12 ޖަހާކަންހާއިރު އެވެ.

ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެފައި އޮތީ އަމީނީ މަގާއި ބޮޑު ތަކުރުފާނު މަގުގައި ކަމަށާއި، ނަމަވެސް އެ އެއްބަސްވުމާ ހިލާފުވެ މަޖީދީ މަގުން ލާފައި ދިޔުމުން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، ފުލުހުން ދީފައިވާ ރޫޓަކާ ހިލާފަށް އެއްވުން ބާއްވާނެ ކަމަށް އަންގާފައެއް ނެތް ކަމަށާއި، އެއްވުން ބޭއްވުމުގެ ތިން ދުވަސް ކުރިން ފުލުހުން އަމިއްލައަށް އެއްވުމުގެ ސުލްހަވެރިކަން ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެ ޓީމުން ބުނީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކާފައިވާ ކަމަށް ބުނާ ނަމަވެސް އެއީ އެމްޑީޕީގެ ބައެއް ނޫން ކަމަށާއި އެއްވުން ފެށިގެން ނިންމާލުން ވެސް ސުލްހަވެރި ގޮތުގައި ކުރިއަށް ގެންދެވުނު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.