މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރީ ގަދަ ބާރުން: އެމްޑީޕީ

މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރީ ގަދަ ބާރުން: އެމްޑީޕީ

Author
ހުސައިން
03 އޮކްޓޯބަރ 2025 11:53
0

މާލޭގައި މިއަދު އެމްޑީޕީން ކުރިއަށްގެންދިޔަ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގެ ބައިވެރިންނަށް ގަދަކަމުން ހަމަލާދިން ކަމަށާއި ޕެޕަ ސްޕްރޭ އާއި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ސުލްހަވެރި އެއްވުން ރޫޅާލަން މަސައްކަތްކުރި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީމަގުން ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ފުލުހުން ހުއްޓުވާލުމާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ބަޔާނަކީ ކަނޑައެޅިގެން ދޮގު ބަޔާނެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މުޒާހަރާ ކުރި ސަރަހައްދުގައި ބަހައްޓާފައި ހުރި ޝީލްޑެއް މީހަކު ނަގައިގެންދާ ވީޑިއޯއަކާ އެކު ހޯމް މިނިސްޓަރު ކުރެއްވި ޕޯސްޓުގައި، ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތަށް ހުރަސްއަޅާ އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީން ދައްކާ ވާހަކައަކީ ތަފާތު ވާހަކައެކެވެ. އެ ޕާޓީން ބުނި ގޮތުގައި ފުލުހުން ބޭނުންކޮށްފައިވަނީ އެކަށީގެންނުވާ ބާރެއް ކަމަށާއި، ސުލްހަވެރިކަމާއެކު މުޒާހަރާކުރި މީހުންނަށް ގަދަކަމުން ހަމަލާދީފައިވާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމުން، އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވުމުގެ ބައިވެރިން އެކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިކަންކަމާ ގުޅިގެން ގާނޫނާ ޚިލާފުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށާއި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެއްވުން ބޭއްވުމަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.