އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހު ރާވާފައިވާ މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ އިސްވެރިން މިއަދު ހަވީރު ބަނޑާރަކޮށީގައި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ސިފައިންގެ މައި މަރުކަޒުގައި ބޭއްވުނު މި ބައްދަލުވުމުގައި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ އިތުރުން ސިފައިންނާއި ފުލުހުންގެ އެންމެ އިސް ވެރިން ބައިވެރިވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި މި ބައްދަލުވުން ނިމުމަށްފަހު ވަޒީރުންނާއި އިސްވެރިން ބަނޑާރަކޮށިން ނިކުމެވަޑައިގަންނަވާ މަންޒަރު ފެންނަން ހުރިކަމަށް ވެސް ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގެ ތަފްސީލު ރަސްމީކޮށް ހާމަކޮށްފައި ނުވިޔަސް، އަންނަ ހުކުރު ދުވަހު އިދިކޮޅުން ރާވާފައިވާ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ގަބޫލުކުރެވެއެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމްޑީޕީގެ މުޒާހަރާގައި ބައެއް ގްރޫޕުތަކުން މާލޭ ސަރަހައްދު ހަލަބޮލިކޮށް، އާންމު މުދަލަށް ގެއްލުންދިނުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި ފުލުހުން ކަނޑައަޅާފައިވާ ރޫޓާ ޚިލާފަށް ހިނގާލުން ކުރިޔަށް ގެންދިޔުމަށާއި، އެކި ބައިތަކަށް ބެހިގެން ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތްކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވެއެވެ.
އެމްޑީޕީން އަދިވެސް ދަމަހައްޓަމުންދަނީ މިއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި، ގައުމު ހަލަބޮލިކުރުމުގެ ނިޔަތެއް ނެތްކަމަށެވެ. އެ ޕާޓީން ޔަގީންކަން ދީފައިވަނީ މުޒާހަރާ ކުރިޔަށް ގެންދާނީ ފުލުހުން ހުއްދަ ދީފައިވާ ރޫޓުތަކުގައި ކަމަށާއި، ގާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގާނެ ކަމަށެވެ.
ހުކުރު ދުވަހުގެ މި މުޒާހަރާއަކީ އިދިކޮޅުން ސަރުކާރަށް ބާރު އެޅުމަށް ރާވާފައިވާ މުހިންމު ސިޔާސީ ހަރަކާތެއް ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ އާންމު ނިޒާމު ހިފެހެއްޓުމަށް ފުރިހަމަ ތައްޔާރީތައް ވަމުންދާކަމަށް އިޢުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ