ނ. ވެލިދޫގައި މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފި

ނ. ވެލިދޫގައި މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 05:05
0

ނ. ވެލިދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ދެ ޒުވާނުން ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނުގައި ފުލުހުން ގިނަ ތަންތަން ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ހޯދާފައިވެއެވެ.

ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި، ވިޔަފާރިކުރުމާއި، ބޭނުންކުރުމުގެ ކުށުގައެވެ.

ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ހަތް ގެއެއް ބަލައި ފާސްކޮށްފައިވާއިރު، މިލަދޫގެ ގެއެއް ވެސް ފާސްކޮށްފައިވެއެވެ. މީގެ އިތުރުން ފޮއްދޫ ކައިރީގައި އަޅާފައި އޮތް ކަޓަމަރާނެއް ވެސް ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ.

ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 11.66 ގުރާމުގެ ތަކެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10،500 ރުފިޔާއަށްވުރެ ގިނަ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. ނަމަވެސް، މި ތަކެތި ފެނިފައިވަނީ ކޮން ތަނަކުން ކަން ފުލުހުން ތަފްޞީލުކޮށް ހާމަކޮށްފައެއް ނުވެއެވެ.

ހައްޔަރުކުރި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، 30 އަހަރުގެ މީހާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި 29 އަހަރުގެ މީހާ ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.