ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުމަށް އެޖެންޑާ ކޮށްފިއެވެ.
މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ހުށަހަޅުއްވާ މި ގަރާރަކީ، އޮޑިޓް އޮފީހުން ފެނަކައިގެ 2021 އިން 2023 އަށް ކުރި މުއާމަލާތްތައް ބެލިއިރު ފާހަގަވި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގަރާރެކެވެ.
އޮޑިޓް ރިޕޯޓުން ފާހަގަކުރި މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ބިޑް ނުކޮށް 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހަވާލުކުރުމާއި، ސައީދުގެ އާއިލާ ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދިނުމާއި، މުވައްޒަފުންނަށް ޕެޓީ ކޭޝް ނަމުގައި 26 މިލިއަން ރުފިޔާ ބެހުމާއި، އޮފީސް އިމާރާތެއް ބިނާކުރުމަށް މާކެޓް ރޭޓަށްވުރެ 767 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި ދަތުރުފަތުރަށް މާކެޓް އަގަށްވުރެ 48 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
2021 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ފެނަކައިގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާކަމަށް ތަހުގީގުތަކުން ފެންނަކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، ސޯލިހުގެ ވެރިކަން ނިމެންދެން މި މައްސަލަތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ކަމުގައިވާ މާދަމާގެ ޖަލްސާގައި މި ގަރާރުގެ އިތުރުން، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަންކުރުމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަންކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާކުރުން ވެސް އެޖެންޑާގައި ހިމެނެ އެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާ ބިލެއްގެ ފުރަތަމަ ކިއުން އިއްވުން ވެސް މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.
ކޮމެންޓު ފޮނުވާ