އެމްޑީޕީގެ އެއްވުމުގައި ކުށްވެރިން ބޭނުންކޮށްގެން މާލެ ހަލަބޮލިކުރަން ރާވާފައިވާކަމަށް ފުލުހުން ތުހުމަތު ކޮށްފި

އެމްޑީޕީގެ އެއްވުމުގައި ކުށްވެރިން ބޭނުންކޮށްގެން މާލެ ހަލަބޮލިކުރަން ރާވާފައިވާކަމަށް ފުލުހުން ތުހުމަތު ކޮށްފި

Author
ޙަސަން މުޙައްމަދު
01 އޮކްޓޯބަރ 2025 11:55
0

އިދިކޮޅު މައިގަނޑު ޕާޓީ އެމްޑީޕީން ހުކުރު ދުވަހު މާލޭގައި ރާވާފައިވާ "ލޫޓުވައިފި" އެއްވުމުގައި ކުށްވެރި ގްރޫޕުތައް ބޭނުންކޮށްގެން ރަށުތެރެ ހަލަބޮލިކޮށް، އާންމު ތަންތަނަށް ގެއްލުންދިނުމަށް ރާވައިގެން އުޅޭކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް މިއަދު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ، ހުއްދަ ލިބިފައިވާ ރޫޓާ ޚިލާފަށް ހިނގާލުން ކުރިއަށްގެންދިއުމަށާއި، ވަކިވަކި ބައިތަކަށް ބެހިގެން ކުށްވެރި ގްރޫޕުތައް މަގުމައްޗަށް ނެރެ، މާލޭގެ އަމަން އަމާންކަން ގެއްލުވައި، ތަންތަނަށް ހަލާކުގެއްލުން ދިނުމުގެ ރޭވުންތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު ބޭނުންކުރުމުގެ އުސޫލުތައް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ފުލުހުން އިޝާރާތްކޮށްފައިވެއެވެ. މިގޮތުން ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި ގާނޫނާ ޚިލާފު އަދި އާންމު އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މާލޭގައި ހަލަބޮލިކަމެއް އުފެދުވައި، އާންމު ތަންތަނަށް ގެއްލުންދިނުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. އަދި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ މަސްލަހަތަށް އުނިކަމެއް ނުގެނެވޭނެ ގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުލުހުން ގޮވާލައިފިއެވެ.

އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ބާއްވާ މި އެއްވުމަށް އެ ޕާޓީން ވަނީ ބޮޑު ތައްޔާރީތަކެއް ކުރަމުން ގެންދަވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ މިއީ ހަމައެކަނި އެއް ޕާޓީއެއްގެ އެއްވުމެއްގެ ގޮތުގައި ނޫންކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް އެންމެން އެކުގައި މި އެއްވުމުގައި ބައިވެރިވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.