މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ 1084 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ވައްކަމުގެ 339 މައްސަލައެއް ނިމިދިޔަ މަހު ރިޕޯޓްކުރެވިފައިވާއިރު، މިއީ އޮގަސްޓް މަހުގެ 294 މައްސަލައާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ފުލުހުން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި ވައްކަމުގެ މައްސަލަތަކަށްފަހު ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. ސެޕްޓެމްބަރު މަހު 273 އެކްސިޑެންޓެއް ރިޕޯޓްކުރެވިފައިވާއިރު، މިއީ އޮގަސްޓް މަހުގެ 224 އެކްސިޑެންޓާ އަޅާބަލާއިރު ވެސް އިތުރުވުމެކެވެ.
މީގެ އިތުރުން ނިމިދިޔަ މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 198 މައްސަލައާއި، އެއްޗެހި ގެއްލުމުގެ 79 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 59 މައްސަލައާއި، އަނިޔާ ކުރުމުގެ 56 މައްސަލަ ހިމެނެއެވެ. ހަމައެއާއެކު މަކަރާއި ހީލަތް ހެދުމުގެ 24 މައްސަލައާއި، ޖިންސީ ގޯނާގެ 21 މައްސަލައާއި، ގެވެށި އަނިޔާގެ 18 މައްސަލައާއި، ފޭރުމުގެ 17 މައްސަލައާއި، ފޯޖް ކުރުމުގެ 13 މައްސަލަ ވެސް ރިޕޯޓްކުރެވިފައިވެއެވެ.
ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އެކި ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، މި ކުށްތަކުގެ އަދަދު ދަށްވާން ފަށާފައި ނުވާކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. ޖުލައި މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު މަސްތުވާތަކެތީގެ މައްސަލަތައް ވެސް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ.
ކޮމެންޓު ފޮނުވާ