ފިލިޕީންސްގެ ސޭބޫއަށް އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން: 26 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ

ފިލިޕީންސްގެ ސޭބޫއަށް އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުން: 26 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެއްޖެ

Author
ހުސައިން
01 އޮކްޓޯބަރ 2025 08:43
0

ފިލިޕީންސްގެ މެދުތެރެއިން އަންގާރަ ދުވަހު އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 26 މީހަކު މަރުވެ، ސަތޭކައަށްވުރެ ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައީ ޖީއެމްޓީން 13:59 ގައި، 90،000 އާބާދީއެއް ދިރިއުޅޭ ބޯގޯ ސިޓީގެ އުތުރުން ކަމަށެވެ. އެންމެ ފުރަތަމަ ބިންހެލުމުގެ ބާރުމިނުގެ ގޮތުގައި 7.0 މެގްނިޓިއުޑް ރިކޯޑްކުރި ނަމަވެސް، ފަހުން މި މިންގަނޑު 6.9 އަށް ދަށްކޮށްފައިވާ ކަމަށް ޔޫއެސްޖީއެސް އިން ބުންޏެވެ. އަދި ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށް ވެސް އިއުލާނުކުރިއެވެ.

ސޭބޫ ޕްރޮވިންސްގައި 19 މީހުން މަރުވިކަން ކަށަވަރުވެފައިވާއިރު، ބޯގޯ، ސެން ރެމިޖިއޯ އަދި ޓަބުއެލާން ފަދަ ސަރަޙައްދުތަކުން ވެސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކުރެވެއެވެ. ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ވެއްޓި، އެ ތަންތާނގެ ދަށުން މީހުން ނެގުމަށް ސަލާމަތްކުރުމުގެ ޓީމްތައް މަސައްކަތްކުރަމުން ގެންދެއެވެ. ސޭބޫ ޕްރޮވިންސް ސަރުކާރުން ވޮލަންޓިއަރުން ހޯދުމަށް އިއުލާނުކޮށް، ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކުރުމަށް މަސައްކަތްކުރަމުން ގެންދެއެވެ.

ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީސްމޮލޮޖީން ހާމަކުރި ގޮތުގައި، މައި ބިންހެލުމަށްފަހު 379 ލޮޅުމެއް ރިކޯޑުކުރެވިފައިވެއެވެ. މި ލޮޅުންތަކުގެ ބިރުން ގިނަ މީހުން ރޭގަނޑު މަގުމަތީގައި ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްކުރެވެއެވެ. ބިންހެލުމުގެ ސަބަބުން ވަރަށް ގިނަ މަގުތައް ހަލާކުވެ، ކަރަންޓް ކޭބަލްތައް ކެނޑި، ސޭބޫ އާއި ކައިރި ރަށްތަކުގެ އެކި ސަރަޙައްދުތަކަށް ކަރަންޓް ފޯރުކޮށްދިނުން މެދުކެނޑިފައިވެއެވެ.

ނޭޝަނަލް ގްރިޑް ކޯޕަރޭޝަން އޮފް ފިލިޕީންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސޭބޫ އާއި އިތުރު ހަތަރު ސަރަޙައްދަކަށް ރޭގަނޑު 12:00 ގެ ފަހުން އަލުން ކަރަންޓް ފޯރުކޮށްދިނުން ފަށާފައިވެއެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ސަރަޙައްދުތަކުގައި ކަރަންޓް މެދުކެނޑިފައިވާ ކަމަށް ރިޕޯޓްކުރެވެއެވެ.

ފިލިޕީންސަކީ ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އާއި ޕެސިފިކް ސަރަޙައްދަށް ދިގުވެފައިވާ "ރިންގް އޮފް ފަޔާ" ގައި ހިމެނޭ ޤައުމަކަށް ވާތީ، ކޮންމެ ދުވަހަކު ވެސް ބިންހެލުންތައް އާދަކާދައިގެ ކަމެކެވެ. އެހެން ނަމަވެސް އާންމުކޮށް މި ބިންހެލުންތަކުގެ ގިނަ ބައެއްގެ ބާރުމިނަކީ އިންސާނުންނަށް އިހުސާސްނުކުރެވޭ ވަރުގެ ދަށް ބިންހެލުންތަކެކެވެ. ދޭތެރެދޭތެރެއިން ބާރުގަދަ ބިންހެލުންތައް އައިސް ގެއްލުން ލިބެމުން ދިޔަ ނަމަވެސް، މިފަދަ ހާދިސާތައް ކުރިން އަންދާޒާކޮށް ދެނެގަތުމަކީ އަދިވެސް ޓެކްނޮލޮޖީން ކުރެވޭ ކަމެއް ނޫން ކަމަށް ޚަބީރުން ބުނެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތް ރޭގަނޑު ވެސް ހުއްޓުމަކާ ނުލައި ކުރިއަށް ގެންދިޔައިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އިތުރު މީހުން ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދުގައި ސަލާމަތްކުރުމުގެ ޓީމްތައް މަސައްކަތްކުރަމުން ގެންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.