ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަބްދުﷲ މައުމޫނު (ގޭސް މާނު) އަށް ރިޝްވަތުގެ ކުށް ސާބިތުވުމާ ގުޅިގެން 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ގޭސް މާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ހިމެނެނީ، މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ދަނިކޮށް، ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު އެވެ. މި މައްސަލައިގައި ކޯޓަށް ހުށަހެޅުނު ހެކިތަކާއި ގަރީނާތަކަށް ބަލައި، ދައުލަތުން ކުރި ދައުވާ ސާބިތުވާކަމަށް ކޯޓުން ނިންމެވި އެވެ.
ގޭސް މާނު އަކީ ވޭތުވެ ދިޔަ ސަރުކާރުގައި ނުފޫޒު ގަދަ ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެކެވެ. އޭނާގެ މައްޗަށް މި ހުކުމް އައުމާއެކު، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމާއި، މިފަދަ ކުށްތަކަށް ޒިންމާވާ ފަރާތްތައް ޝަރީއަތަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހައްގު ގޭސް މާނަށް ލިބިގެންވެ އެވެ.
ކޮމެންޓު ފޮނުވާ