ޅ. ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއިކުރެވިއްޖެއެވެ.
679,031,580.60 ރުފިޔާގެ އަގުހުރި މި މަޝްރޫޢުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްދެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ކަމަށާއި، އެމްޓީސީސީގެ ފަރާތުން ސޮއިކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި މަޝްރޫޢު ނިންމުމަށް 630 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 1813 މީޓަރުގެ ހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި، 803 މީޓަރުގެ ހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން 474 މީޓަރުގެ ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިހާރުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ހައުސިންގް ޔުނިޓްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ތޮށިލުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ކަމަށްވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ