ފެނަކަ ކޯޕަރޭޝަންގެ ކަންތައްތައް ބަލައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކީ ސިޔާސީ މަގްސަދުގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ތުހުމަތުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އާންމުކުރި އޮޑިޓް ރިޕޯޓުގައި 2021 އިން 2023 އަށް ފެނަކައިން ކޮށްފައިވާ 674 އެއްބަސްވުމުގެ ތެރެއިން 439 އެއްބަސްވުމަކީ ބިޑް ހުޅުވާނުލައި ކޮށްފައިވާ އެއްބަސްވުންތަކެއް ކަމަށް ފާހަގަކޮށްފައިވެއެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 2.2 ބިލިއަން ރުފިޔާއެވެ.
އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ވިދާޅުވީ މި ރިޕޯޓަކީ ރޭގަނޑު ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ ލިޔުމެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިއުކުރި ރިޕޯޓެއް ކަމަށެވެ.
ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ. މީގެ އިތުރުން ރިޕޯޓުގައި ހިމެނޭ ކަންކަމުގައި ޝާމިލުވާ ފަރާތްތަކާއި ކުންފުނިތަކާ ސުވާލުކުރުމެއް ނެތި ރިޕޯޓު އާންމުކޮށްފައިވުމަކީ މިއީ ސިޔާސީ މަގްސަދުގައި ނެރެފައިވާ ރިޕޯޓެއްކަން ސާބިތުވާ ކަމެއް ކަމަށް އެމްޑީޕީން ދެކެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ރިޕޯޓަކީ 3 އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތާއީދު ދެކި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް ކަމަށެވެ. އަދި 2 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ ވެސް ޕްރޮޕަގަންޑާ ފެތުރުމުގެ ބޭނުމުގައި ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.
ސަރުކާރުން ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް، ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ކަމަށް އެ ޕާޓީން ބުންޏެވެ.
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ދޮގުކޮށްފައިވާ އިރު، މިއަދު ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ