ފެނަކައިގެ ވައްކަމުގައި ބައިވެރިވާ އެންމެންގެ މައްޗަށް ތަހުގީގު ހިންގުމަށް ގޮވާލައިފި

ފެނަކައިގެ ވައްކަމުގައި ބައިވެރިވާ އެންމެންގެ މައްޗަށް ތަހުގީގު ހިންގުމަށް ގޮވާލައިފި

Author
ޙަސަން މުޙައްމަދު
28 ސެޕްޓެމްބަރ 2025 08:12
0

2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ވައްކަމާއި ޚިޔާނާތުގެ މައްސަލަ އޮޑިޓް ރިޕޯޓުން ފާހަގަވުމާ ގުޅިގެން، މި މައްސަލައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކާމެދު އިންސާފުވެރި ތަހުގީގެއް ހިންގުމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ސަރުކާރުގައި ހިންގި ފެނަކައާއި ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލަ އޭރުވެސް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްދެއްވާފައިވެއެވެ. ނަމަވެސް އޭރު މަޖިލީހުންނާއި މިނިވަން މުއައްސަސާތަކުން އެ މައްސަލަތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު ކަމުގައިވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ސައީދަށް އެކަނި މިފަދަ ބޮޑެތި ވައްކަންތަކެއް ހިންގޭކަށް ނެތެވެ. މި މައްސަލައިގައި ވަރަށް ގިނަ މީހުންނަށް "ބައި އެޅި" ކަން މިހާރު ސާފުވަމުން އަންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ޒިންމާއަކީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި، މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާމެދު އިންސާފުވެރި ތަހުގީގެއް ހިންގުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ގެއްލިފައިވާ ދައުލަތުގެ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދޭން ޖެހޭނެކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މިހާ ދިގު މުއްދަތެއްގައި އަޅާނުލައި ދޫކޮށްލާފައި ހުރި މައްސަލަތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށާއި، ރާއްޖެ ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުޅިން މުލުން ނައްތާލައިގެން ކަމަށް އާދަމް ޝަރީފް ތަކުރާރުކޮށް ވިދާޅުވިއެވެ. ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވި ކަންކަމަކީ ރައްޔިތުންގެ އިތުބާރު އަލުން ބިނާކުރުމަށް ޓަކައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ މައްސަލަތަކެއް ކަމުގައި ސަރުކާރުން ދެކޭކަން މި ބަޔާނުން ފާހަގަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.