އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން 21 ނުކުތާ ހިމެނޭ ތަފްސީލީ ޕްލޭނެއް ހުށަހަޅާއިފިއެވެ. މި ހަފްތާގެ ކުރީކޮޅު އދ.ގެ އާންމު މަޖިލީހުގައި އަރަބި އަދި މުސްލިމް ގައުމުތަކަކާ ހިއްސާކުރި މި ޕްލޭނަކީ ފަލަސްތީނު ރައްޔިތުން ޣައްޒާގައި ދެމިތިބުމަށް ހިތްވަރުދިނުމާއެކު، ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ ދައުލަތް ދެމިއޮތުމަށް ފުރުސަތުދޭ ހުށަހެޅުމެކެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހެޅި މި އެއްބަސްވުމުގައި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ހަމާސް ވެރިކަމުން ދުރުކުރުމާއި، ޣައްޒާ ޑިމިލިޓަރައިޒް ކުރުމާއި، ސިޓީ އަލުން ތަރައްގީކުރުން ފަދަ މުހިންމު ކަންތައްތައް ހިމެނެއެވެ.
ޕްލޭނުގައި ވާގޮތުން ދެފަރާތުން އެއްބަސްވެއްޖެނަމަ ހަނގުރާމަ ވަގުތުން ހުއްޓާލައި، 48 ގަޑިއިރުގެ ތެރޭގައި ހުރިހާ ރަހީނުން އަނބުރާ ގެންދާނެއެވެ. އެއާ ބަދަލުގައި އިސްރާއީލުން ގާތްގަނޑަކަށް 1000 ފަލަސްތީނު ގައިދީން ދޫކޮށްލާނެއެވެ. ޣައްޒާގެ ވެރިކަމުގައި ހަމާސްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި، ވަގުތީ ޓެކްނޮކްރެޓުން އެކުލެވޭ ފަލަސްތީނު ސަރުކާރަކުން އެ ސިޓީ ހިންގާނެ ކަމަށް ޕްލޭނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ދުވާލަކު 600 ޓްރަކްގެ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމާއި، ސިޓީ އަލުން ބިނާކުރުމަށް ބައިނަލްއަގްވާމީ ފަންޑެއް ގާއިމްކުރުމާއި، އިގްތިޞާދީ ޚާއްސަ ސަރަޙައްދެއް ގާއިމްކުރުން ވެސް ހިމެނެއެވެ. އަދި ޣައްޒާ ދޫކޮށްދާން އިޚްތިޔާރުކުރާ މީހުންނަށް އެނބުރި އައުމުގެ ހައްގު ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މި ޕްލޭން ހުށަހެޅުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. ސަބަބަކީ މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕް ވަނީ ޣައްޒާގެ ދެ މިލިއަން އާބާދީ ދާއިމީކޮށް އެހެން ތަނަކަށް ބަދަލުކުރުމުގެ ވާހަކަ ދައްކާފައެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވެސް ޣައްޒާގެ އާބާދީ އެހެން ތަނަކަށް ފޮނުވާލުމަށް މަސައްކަތްކުރަމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ