ފެނަކަ ކޯޕަރޭޝަންގެ މާލީ އޮޑިޓް ރިޕޯޓުން ވަރަށް ބޮޑެތި މާލީ ޚިޔާނާތްތަކެއް ހުރިކަން ފާހަގަކޮށްފިއެވެ. 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ހަވީރު އިންޓަނޭޝަނަލް ނަމަކަށް ކިޔާ ބޭރު ކުންފުންޏަކާއެކު ކުރެވުނު 57.7 މިލިއަން ރުފިޔާގެ މުޢާމަލާތްތަކުގައި ޤާނޫނާއި ގަވާއިދާ ޚިލާފު އެތައް ކަމެއް ހިމެނޭކަން އޮޑިޓުން ހާމަވެފައިވެއެވެ.
މި ދެ އަހަރުގެ ތެރޭގައި ފެނަކައިން ވަނީ އެ ކުންފުންޏާއެކު 18 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތައް ބުނާގޮތުން ހެދިފައިވަނީ ފެނަކައިގެ އެކި ބްރާންޗްތަކަށް ބޭނުންވާ އިންޖީނުގެތަކުގެ ސާމާނާއި ސްޕެއަރ ޕާޓްސް ގަތުމަށެވެ. އެހެންނަމަވެސް މި މުޢާމަލާތްތައް ހިންގާފައިވާ ގޮތުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވެއެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކީ، މުދާ ލިބުމުގެ ކުރިން ފެނަކައިން 10.3 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވުމެވެ. މިއީ މާލިއްޔަތު ގަވާއިދާ ސީދާ ޚިލާފު ކަމެކެވެ. މީގެ އިތުރުން، ޖުމްލަ 32.4 މިލިއަން ރުފިޔާ ދޫކުރެވިފައިވާއިރު، ޙައިރާންކުރުވަނިވި ކަމަކީ މީގެ ތެރެއިން 22.3 މިލިއަން ރުފިޔާ ޖަމާކުރެވިފައިވަނީ ހަވީރު އިންޓަނޭޝަނަލްގެ އެކައުންޓަށް ނޫންކަމެވެ. ބަދަލުގައި މި ފައިސާ ޖަމާވެފައިވަނީ ދިވެހިރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ، 5 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަސައްކަތްތައް ކުރުވަންވާނީ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ވަޒަންކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް މި ގަވާއިދު ފުރިހަމައަށް ބައިޕާސްކުރުމަށްޓަކައި، 47.3 މިލިއަން ރުފިޔާގެ މަސައްކަތް ވަނީ ކުދިކުދި ބައިތަކަށް ބަހާލައިގެން ހަވާލުކޮށްފައެވެ. މިއީ ސާފު ގޮތެއްގައި ގަވާއިދުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުރި ކަމެކެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ އަނެއް ބޮޑު މައްސަލައަކީ، ހަވީރު އިންޓަނޭޝަނަލްއާ މަސައްކަތް ހަވާލުކުރެވިފައިވަނީ ވާދަވެރި ބީލަމަކަށް ނުގޮސްކަމެވެ. އެހެން އެއްވެސް ކުންފުންޏަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ނުދީ، ހަމައެކަނި އެ ކުންފުންޏަށް ފުރުސަތު ދީގެން، އެ ކުންފުނިން ހުށަހަޅާ އަގަށް ޑައިރެކްޓް ޕާޗޭސް ކޮމިޓީން ނިންމައިގެން މަސައްކަތް ހަވާލުކޮށްފައިވެއެވެ.
މިފަދަ ބޮޑެތި މާލީ ޚިޔާނާތްތަކާއި ކޮރަޕްޝަންގެ ޢަމަލުތައް ދައުލަތުގެ މުއައްސަސާއެއްގައި ހިނގާފައިވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދައުލަތުގެ ފައިސާ މިގޮތަށް ބޭނުންކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ކަމެކެވެ. މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، މިކަމުގައި ޝާމިލުވި ފަރާތްތަކާމެދު ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. މިއީ ހަމައެކަނި މާލީ މައްސަލައެއް ނޫން، ބަލާއިރު މިއީ ޖިނާއީ ކުށެއް ކަމުގައި ވެދާނެ މައްސަލައެކެވެ.
ކޮމެންޓު ފޮނުވާ