ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، ކުންފުނިން ކަރަންޓު ކޭބަލް، ޖަނަރޭޓަރު ސެޓް، ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 438 އެއްބަސްވުމެއްގެ ދަށުން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން ހިންގި މުއާމަލާތްތައް ބެލި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖަނަރޭޓަރު ސެޓް، ކޭބަލް، ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް 673 އެއްބަސްވުމެއްގެ ދަށުން ޖުމްލަ 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މި 673 އެއްބަސްވުމުގެ ތެރެއިން 438 އެއްބަސްވުމެއް ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހަވާލުކޮށްފައެވެ. މި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 1.37 ބިލިއަން ރުފިޔާއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އާންމުކޮށް އިއުލާންނުކޮށް، މައިގަނޑު ގޮތެއްގައި ދެތިން ފަރާތުން އަގު ހޯދައިގެން ފެނަކައިގެ ޑައިރެކްޓް ޕާޗޭސް ކޮމިޓީން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ސާމްޕަލިންގ އުސޫލުން ބެލިއިރު، އާންމު ބީލަމުގެ އުސޫލުން ބޭރުން ހަވާލުކުރި 384 އެއްބަސްވުމުގެ ތެރެއިން 185 އެއްބަސްވުމުގެ ދަށުން 895 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިމަޖެންސީ އުސޫލުން މަސައްކަތް ހަވާލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވާދަވެރި ބީލަމުގެ އުސޫލުން ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްތައް ހަވާލުނުކުރުމުން ގާބިލް ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭނެއެވެ. އަދި ކުންފުންޏަށް އެންމެ މަންފާ ހުރި ގޮތެއްގައި މުދަލާއި ހިދުމަތް ހޯދުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށާއި، ކުންފުނި ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް އިސްކަންދީގެން ވަކި ފަރާތްތަކަށް ނާޖާއިޒު މާލީ މަންފާ ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި އިންޒާރުދީފައިވެއެވެ.
ކޮމެންޓު ފޮނުވާ