އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް މާލެ ސިޓީ ކައުންސިލުން މިއަދު ހަވީރު ނަގައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީން ބެނާ ދެމުމާއި އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާ އިޝްތިހާރު ކުރުމުގެ ހުއްދައަށް އެދި ސިޓީ ކައުންސިލުގައި ހުށަހަޅާފައިވާއިރު، ކައުންސިލުން ވަނީ އެކަމުގެ ހުއްދަ ދީފައެވެ. އެހެންނަމަވެސް މިއަދު ކައުންސިލުގެ މުވައްޒަފުން ނެރެގެން އެ ބެނާތައް ނެގި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
ސިޓީ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީގައި ވަނީ މާލޭ ތެރޭގައި ގިނަ އަދަދެއްގެ ބެނާތައް މަގު ހުރަސްކޮށް ދަމާފައިވާތީ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށް ބުނެފައެވެ. އަދި ކައުންސިލުގެ ހުއްދައަކާ ނުލައި ދަމާފައިވާ ބެނާތައް ކަމަށް ވާތީ، އެ ތަކެތި ވީ އެންމެ އަވަހަކަށް ނެގުމަށާއި ބެނާ ދެމުމުގެ ކަންކަން އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ އެމްޑީޕީން ދަމާފައިވާ ބެނާތައް މަގުމައްޗަށް ތިރިވެފައި ހުރުމުން އާއްމުންގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެ، އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ވަޓްސްއެޕް ގްރޫޕުގައި ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް ގިނަ މެމްބަރުންގެ ތާއީދު ލިބުމުން ހަވީރު ވަނީ ބެނާތައް ނަގަން ފަށާފައެވެ.
މޭޔަރު އާދަމް އާޒިމް މާލޭގައި ނުހުންނެވި ނަމަވެސް، ވަޓްސްއެޕް ގްރޫޕުގައި ފޮނުވި މެސެޖުގައި ވަނީ ގަވާއިދަށް ފައްތައިގެން އެ ތަކެތި ބެހެއްޓުމަށް މެމްބަރުންނަށް ފެންނަނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދޭން ފެންނަ ކަމަށް ވިދާޅުވިއެވެ.
ކައުންސިލަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެމްޑީޕީ އޮފީހަށް ސިޓީއެއް ފޮނުވި ނަމަވެސް، އެ ޕާޓީން ގުޅާފައި ބުނެފައި ވަނީ އެއީ އެ ތަނާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށެވެ. "ސާދަ ދުވަހެއް ދަމާފައި ހުންނަތާ. ވެރިއެއް ނޭނގޭ ބެނާތަކެއް،" އިބްރާހިމް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެ، ފަހުން ޕާޓީ ބަދަލުކުރި ރީހާން ނާޒިމާއި ނާޒިމާ ފާއިޒު ވަނީ ހަވާލުވާނެ ފަރާތެއް ނެތް ނަމަ އެ ތަކެތި ނެގުމަށް ކައުންސިލަރުންގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.
އިދިކޮޅު ޕާޓީން އަންނަނީ ހުކުރު ދުވަހު ހަވީރު މާލޭގައި ބޮޑު އެއްވުމަކަށް ތައްޔާރުވަމުންނެވެ. މި މައްސަލާގައި ސިޓީ ކައުންސިލުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ