އދގެ 80 ވަނަ އާންމު މަޖިލީހުގެ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާ ގުޅިގެން ދިވެހި ޑެލިގޭޝަން ވަނީ އދގެ މައި މަރުކަޒުގެ ހޯލުން ބޭރަށް ނުކުމެފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އެހީތެރިކަމުގެ ނިޝާނެއްގެ ގޮތުން ދިވެހިރާއްޖެއިން ދެއްކި މި ޢަމަލީ ހިތްވަރަކީ، މިދިޔަ އަހަރުވެސް ދިވެހި ވަފުދުން ދެއްކި ހިތްވަރެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކުން ހާމަކޮށްފައިވަނީ، ނަތަންޔާހޫގެ ތަޤުރީރު ފެށުނުއިރު ދިވެހި ޑެލިގޭޝަން ވަނީ މަޖިލީހުގެ ހޯލުން ނުކުމެފައި ކަމުގައެވެ. މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވީ، ދިވެހިރާއްޖެ ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތަކަށް ވަކާލާތުކުރުމުގައި ކަމަށެވެ.
އދގެ އާންމު މަޖިލީހުގެ މިއަހަރުގެ ސެޝަންގައި ފާހަގަކޮށްލެވުނު އެއް ކަމަކީ، ފަލަސްޠީނަށް އެހީތެރިވުމަށް އެކި ޤައުމުތަކުން އަޑުއުފުލި ގޮތެވެ. ހައްދުފަހަނައަޅައި އިންސާނީ ޙައްގުތައް ނިގުޅައިގަންނަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމުން، ދިވެހިރާއްޖެ ހިމެނޭހެން އިތުރު ގިނަ ޤައުމުތަކެއްގެ ވަފުދުތައްވެސް ވަނީ ބައްދަލުވުން ދޫކޮށްފައެވެ.
ރާއްޖެއިން ވަނީ މަހުމޫދު ޢައްބާސް އދގެ އާންމު މަޖިލީހުގައި ތަޤުރީރުކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމަށް ހުށަހެޅުނު ޤަރާރަށް ތާއީދުކޮށް ވޯޓުވެސް ދީފައެވެ. މި ތާއީދާއެކު، ރައީސް ޢައްބާސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އދގެ މެންބަރުންނާ މުޚާޠަބުކުރައްވާފައެވެ.
ފަލަސްޠީނުގެ މިނިވަންކަމާއި އިސްތިޤުލާލަށް ރާއްޖެއިން ދައްކާ ތާއީދު ހަމައެކަނި އދގެ މަޖިލީހަކަށް ނުހުއްޓެއެވެ. ބައިނަލްއަގުވާމީ އެހެން ފޯރަމްތަކުގައިވެސް ދިވެހި ސަރުކާރުން ދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބާރުއަޅުއްވަމުންނެވެ. ރާއްޖޭގެ ރައްޔިތުންވެސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ދައްކުވައިދިނުމަށް އެކި ގޮތްގޮތުން ސާބިތު ކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ