ޑީކޮމްޕްރެޝަން ޗެމްބަރު ޚިދުމަތް ރާއްޖޭގެ 6 ސަރަހައްދަކަށް ފުޅާކުރަން ސަރުކާރުން ނިންމައިފި

ޑީކޮމްޕްރެޝަން ޗެމްބަރު ޚިދުމަތް ރާއްޖޭގެ 6 ސަރަހައްދަކަށް ފުޅާކުރަން ސަރުކާރުން ނިންމައިފި

Author
ޙަސަން މުޙައްމަދު
26 ސެޕްޓެމްބަރ 2025 10:42
0

ރާއްޖޭގައި މަސްވެރިންނާއި ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިގޮތުން ތ. ގުރައިދޫގައި ޤާއިމުކޮށްފައިވާ ޗެމްބަރު މާދަމާ ރަސްމީކޮށް ހުޅުވުމާއެކު، އިތުރު 6 ސަރަހައްދެއްގައި މި ޚިދުމަތް ކުރިއަށް އޮތް ހަތަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލެއިން ބޭރުގައި ޤާއިމުކުރާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރަކީ ގުރައިދޫގައި ބެހެއްޓޭ ޗެމްބަރުކަމަށެވެ. ޖަޕާން ސަރުކާރުގެ އެހީގައި ޤާއިމުކުރާ މި ޗެމްބަރު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން ކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، 100 މީޓަރަށްވުރެ ގިނައިން އަޑިއަށް ދާ ޑައިވަރުންނަށް ދިމާވާ ޑީކޮމްޕްރެޝަން ބަލިތަކަށް ފަރުވާދިނުމުގެ އިތުރުން، އޮކްސިޖަން ތެރަޕީ ފަދަ އެހެނިހެން ޚިދުމަތްތައްވެސް މި ޗެމްބަރުތަކުން ލިބޭނެއެވެ. މިއީ ވަރަށް ޒަމާނީ އަދި ފުރިހަމަ އިކުއިޕްމަންޓެއް ކަމަށާއި، މަސްވެރިންނާއި ޑައިވް ކުރާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ މުހިންމު ވަސީލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، މި ޚިދުމަތް އައްޑޫ ސިޓީ، ފުވައްމުލައް، އއ. ރަސްދޫ، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި މާލޭގައި ޤާއިމުކުރުމަށް މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މި ޗެމްބަރުތައް ގަތުމާއި، ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް އެންމެ ލަސްވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމުމަކަށް އަންނާނެކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް ލިބެން ހުރީ މާލޭގައި އެކަންޏެވެ. މަސްވެރިކަމާއި ޑައިވިންގ ޓޫރިޒަމް އިންޑަސްޓްރީ ފުޅާވަމުންދާ މިދަނޑިވަޅުގައި، މި ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދާއިރާގެ ފަންނީ މީހުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.