އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިފްރާހް އުމުރުން 36 އަހަރުގައި ނިޔާވެއްޖެ

އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިފްރާހް އުމުރުން 36 އަހަރުގައި ނިޔާވެއްޖެ

Author
ހުސައިން
25 ސެޕްޓެމްބަރ 2025 11:01
0

ދިވެހި ފުޓްބޯޅައިގައި ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދިން ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް (އިފްރާ) މިރޭ ނިޔާވެއްޖެއެވެ. 36 އަހަރުގެ މި ޒުވާން ކުޅުންތެރިޔާ ނިޔާވީ ހެމޮރެޖިކް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިފްރާހުގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ދެ ދުވަސް ކުރިން ޖެހުނު ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް އެޅުނު ލޭ ސާފުކުރުމަށް ޑޮކްޓަރުން ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް، އެންމެ ފުރިހަމައަށް ލޭ ނުނެގުނު ކަމަށެވެ. ސިކުނޑީގެ ދުޅަ ކުޑަކުރުމަށްޓަކައި އިންޑިއުސްޑް ކޯމާގައި ބަހައްޓައިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ ނަމަވެސް، އޭނާގެ ހާލަތު ރަނގަޅުނުވެ މިރޭ ވަނީ ނިޔާވެފައެވެ.

ކުލަބު ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފައްޓަވާފައިވާ އިފްރާހަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގައި ކުޅެމުންދިޔަ އިރު ވަރަށް ގިނަ ކާމިޔާބީތައް ހޯދި ކުޅުންތެރިއެކެވެ. ޒުވާން ގައުމީ ޓީމުން ފެށިގެން ސީނިއަރ ޓީމާ ހަމައަށް އޭނާ ވަނީ ގިނަ ބައިނަލްއަޤްވާމީ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.

އިފްރާހުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުމެވެ. އެއީ އޭނާ ގައުމީ ޓީމާ ގުޅިތާ ދެވަނަ އަހަރު ހޯދި ތާރީޚީ ކާމިޔާބީއެކެވެ. އެ މުބާރާތުގައި އޭނާ ދެއްކި ފަންނީ ހުނަރާއި ގޯލުގެ ތެރޭގައި ދެއްކި ހުނަރަކީ، އަދިވެސް ފުޓްބޯޅަ ލޯބިވެރިންގެ ހިތްތަކުގައި ދިރިހުރި މަންޒަރުތަކެކެވެ.

އިފްރާހުގެ ނިޔާވުމަކީ ދިވެހި ފުޓްބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ފުޓްބޯޅަ ލޯބިވެރިން ފާހަގަކުރަމުން، ގިނަ ކުޅުންތެރިންނާއި ކުލަބުތަކުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާގެ މެސެޖުތައް ފޮނުވަން ފަށާފައެވެ. އޭނާގެ ފުޓްބޯޅަ ހުނަރާއި، ގައުމަށް ކޮށްދިން ޚިދުމަތްތަކަކީ އަބަދުވެސް ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ރަންކަމުގައި ލިޔެވިފައި އޮންނާނެ ކަންތައްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.