ދިއްދޫގައި 185.6 މިލިއަން ރުފިޔާގެ ފަސް ބުރީގެ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫގައި 185.6 މިލިއަން ރުފިޔާގެ ފަސް ބުރީގެ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Author
ހުސައިން
26 ސެޕްޓެމްބަރ 2025 11:24
0

ހއ. ދިއްދޫގައި 50 އެނދު ހިމެނޭ ފަސް ބުރީގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. 185.6 މިލިއަން ރުފިޔާގެ މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރީ ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރަފް އަބްދުލް ރަހްމާން ސޮއިކުރެއްވި އެވެ. މި މަޝްރޫއު ނިންމުމަށް 780 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލަށް އެޅޭ މި ހޮސްޕިޓަލްގައި ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ފާހަގަކޮށްފި އެވެ. މި ހޮސްޕިޓަލްގައި އައިސޮލޭޝަން ފެސިލިޓީއެއް ހިމެނޭނެ އެވެ. ހަމައެއާއެކު، އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި، މެމޯގްރަފީ އަދި އަލްޓްރާސައުންޑް ސްކޭން ހިމެނޭ ފުރިހަމަ ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމުކުރެވޭނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލްގެ އަމިއްލަ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް، ލޯންޑްރީ ޚިދުމަތާއި އޮކްސިޖަން ޕްލާންޓެއް ވެސް ގާއިމުކުރެވޭނެ އެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލަކީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ ފެންވަރެއްގައި ގާއިމުކުރެވޭ ހޮސްޕިޓަލް އިމާރާތަކަށް ވާނެ އެވެ.

ދިއްދޫގައި މިފަދަ ޒަމާނީ ހޮސްޕިޓަލެއް ގާއިމުވުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ލިބޭނެ މަގު ފަހިވެގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.