ތ. ގުރައިދޫގައި ތަރައްޤީކުރާ އެއާޕޯޓުގެ މަސައްކަތް މާދަމާ ފެށުމަށްފަހު 22 މަސް ދުވަހުގެ ތެރޭގައި ނިންމައި، 2027 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހުގައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުންނަށް ކުރެއްވި އެންމެ މުހިންމު ވަޢުދަކީ އެއާޕޯޓެއް ޤާއިމުކުރުން ކަމަށާއި، އެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ.
މި ޖަލްސާގައި އެއާޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރެއްވި އިރު، އެމްއޭސީއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުޙައްމަދު ސޮއިކުރެއްވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ގުރައިދޫގައި ޤާއިމުކުރާ އެއާޕޯޓަކީ އެރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ނުހަނު މުހިންމު ވަސީލަތެއް ކަމަށާއި، މުޅި ސަރަޙައްދުގެ ކުރިއެރުމަށް މަގުފަހިވާނެ މުހިންމު ދޮރެއް ކަމަށެވެ. މީގެ އިތުރުން މިއީ ރަށުގެ ތަރައްޤީގެ މުހިންމު ފެށުމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ގުރައިދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ވިދާޅުވި ރައީސް، އެރަށުގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވެސް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. މި މަޝްރޫޢުތަކަކީ ގުރައިދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރަށުގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ