ފަނޑިޔާރުންނަށް ޤާނޫނުން ލިބިދޭ ބާރުވެރިކަމަކީ ހަމައެކަނި ޝަރީއަތްކުރުމަށް އޮންނަ ބާރެއް ކަމަށާއި، އެއީ އެހެން ފަރާތްތަކުގެ މައްޗަށް ބާރުވެރިކަން ހިންގުމަށް ލިބޭ ފުރުސަތެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އަލްއުސްތާޛް އިބްރާހިމް މާހިރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރަކަށް ވުމުން ލިބޭ ޤާނޫނީ ބާރަކީ އެއްވެސް މީހެއްގެ މައްޗަށް ބާރު ހިންގުމަށް ލިބޭ ބާރެއް ނޫން ކަމަށެވެ. "ހަޤީޤަތުގައި ފަނޑިޔާރަކަށް ވުމަކީ ކޯޓުގެ އިސް އޮފިޝަލަކަށް ވުމަކީ އެހެން ބައެއް މައްޗަށް ބާރުވެރިކަމެއް ލިބުމެއް ނޫން. ފަނޑިޔާރުންނަށް ލިބޭ ބާރުވެރިކަމަކީ އެމީހުންނަށް ޤާނޫނުތަކުން ހުކުމް ކުރުމަށް ލިބޭ ޤާނޫނީ ބާރުތައް. އޭގެ ބޭރުން ކޯޓުގެ މާހައުލުގައި އެއްވެސް ކަމެއް ކުރެވިގެން ނުވާނެ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަލަށް ހުވާކުރެއްވި ފަނޑިޔާރު މާހިރަށް މަރުހަބާ ދަންނަވަމުން އުއްތަމަ ފަނޑިޔާރު ވަނީ، އެމަނިކުފާނު މީގެ ކުރިން މަދަނީ ކޯޓާއި ފެމިލީ ކޯޓުގައި ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ކޯޓުގެ މާހައުލަކީ ޚިދުމަތް ހޯދަން އަންނަ ކޮންމެ ފަރާތަކަށްވެސް އެންމެ މަތީ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދޭން ޖެހޭ ތަނެކެވެ. އަދި ފަނޑިޔާރުންނަކީ ރިވެތި އަޙްލާޤެއްގެ ބަޔަކަށް ވާންޖެހޭ ކަމަށާއި، ވަކި ސުލޫކީ މިންގަނޑެއް ހިފަހައްޓަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަން ކުރެވޭނީ ކޮންމެ ފަނޑިޔާރެއްވެސް ވަކި ހަމަތަކެއް ހިފަހައްޓައިގެން ކަމަށް އުއްތަމަ ފަނޑިޔާރު އިޝާރާތް ކުރެއްވިއެވެ.
މަސައްކަތުގެ މާހައުލުގައި ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުމަކީ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، އެފަދަ ހާލަތްތަކުގައިވެސް ހައްލު ހޯދުމަށް އިސްކަން ދިނުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސްކުރެއްވިއެވެ. ފަނޑިޔާރުންގެ އަޙްލާޤީ މިންގަނޑު ބައްޓަންކުރަން ޖެހޭ ގޮތާއި، މަސައްކަތުގެ މާހައުލުގައި އަޙްލާޤު ގެންގުޅުއްވަން ޖެހޭ ގޮތުގެ މައްޗަށް އުއްތަމަ ފަނޑިޔާރު އަލިއަޅުއްވާލެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެވުނު އިބްރާހީމް މާހިރަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްޠަފާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ