ފަލަސްތީނަށް އެހީގެންދާ ފްލޮޓިލާއަށް ދިން ހަމަލާތައް ތަހުގީގު ކުރުމަށް އދ. އިން  ގޮވާލައިފި

ފަލަސްތީނަށް އެހީގެންދާ ފްލޮޓިލާއަށް ދިން ހަމަލާތައް ތަހުގީގު ކުރުމަށް އދ. އިން ގޮވާލައިފި

Author
އަހުމަދު
25 ސެޕްޓެމްބަރ 2025 09:46
0

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދަތުރުކުރަމުން އައި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް ދިން ހަމަލާތަކާ ގުޅޭގޮތުން މިނިވަން ތަހުގީގެއް ހިންގުމަށް އދ. އިން ހަރުކަށިކޮށް ގޮވާލައިފިއެވެ. މި ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް އދ. އިން އެދިފައިވެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރު) ގެ ތަރުޖަމާނު ތަމީން އަލް ކީތާން ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ޑްރޯންތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކާ ގުޅޭގޮތުން ފުރިހަމަ އަދި މިނިވަން ތަހުގީގެއް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޖުމްލަ 51 ބޯޓު ހިމެނޭ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ހަމަލާދީފައިވަނީ ގްރީސް ކައިރީގެ ކަނޑު ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް، އިއްޔެ ރޭ ފަތިހުން ފެށިގެންނެވެ. މި ފްލޮޓިލާ މެޑިޓެރޭނިއަން ކަނޑުގެ ހުޅަނގު ފަރާތުން މި މަހުގެ ފުރަތަމަ ދުވަސްތަކުގައި ދަތުރު ފެށީ، ޣައްޒާގެ މައްޗަށް އިސްރާއީލުން ފެށިފައިވާ ދަތިކުރުންތައް ނިމުމަކަށް ގެނެސް، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ.

މި ދަތުރު ފެށުމުގެ ކުރިން ޓިއުނީޝިއާގެ ބަނދަރެއްގައި މި ފްލޮޓިލާ އޮއްވާ، ދެ ފަހަރެއްގެ މަތިން ޑްރޯން ހަމަލާ އަމާޒު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

އިސްރާއީލުގެ ސަރުކާރުން މި ހަމަލާތަކާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައި ނުވިނަމަވެސް، އިސްރާއީލުގެ ހާރިޖީ ވުޒާރާއިން އިއްޔެ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފްލޮޓިލާގެ ދަތުރަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރާ ދަތުރެއް ނޫންކަމަށާއި، ޙަގީގަތުގައި މިއީ ހަމާސް ޖަމާއަތަށް ހިދުމަތް ކުރުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ގައުމުތަކުން ތާއީދުކުރާ ހަރަކާތްތެރިން ބައިވެރިވެގެން ކުރިޔަށްގެންދާ މި ދަތުރަށް ދިން ހަމަލާތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ މުޖްތަމައު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އދ. ގެ މި ގޮވާލުމަކީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ދިމާގައި އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.