ދިވެހިރާއްޖޭގެ ފުޓްބޯޅަ ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިފްރާހް އަރީފްއަށް ސްޓްރޯކެއް ޖެހުމާ ގުޅިގެން މިހާރު އޭނާއަށް އައިސީޔޫގައި އިންޓެންސިވް ފަރުވާ ދެވެމުން ދާކަން އެނގިއްޖެއެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިފްރާހްއަށް މި ސިއްހީ ހާދިސާ ކުރިމަތިވީ މިއަދުއެވެ. އަދި މިވަގުތު އޭނާއަށް ފަރުވާ ދެވެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ވަނީ އެނގިފައެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ބެހޭ ތަފްސީލު މައުލޫމާތުތަކެއް އަދި ލިބިފައެއް ނުވެއެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ނަން ފާހަގަކޮށްލެވޭ ގޯލްކީޕަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިފްރާހްއަކީ، ޒުވާން އުމުރުގައި މާޒިޔާ ސްޕޯޓްސް ކްލަބުން ކުޅުން ފެށި، ފަހުން ދިވެހިރާއްޖޭގެ އެކި ކްލަބުތަކަށް ކުޅެދިން ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާގެ ކްލަބު ކެރިއަރުގައި ނިއުރޭޑިއަންޓް، ވެލެންސިޔާ، ވިކްޓްރީ އަދި ބީޖީ ސްޕޯޓްސް ކްލަބް ފަދަ މަޝްހޫރު ޓީމުތައް ހިމެނެއެވެ.
ގައުމީ ފެންވަރުގައި އިފްރާހް ހާސިލްކުރި ކާމިޔާބީތަކުގެ ތެރޭގައި 2008 ވަނަ އަހަރު ދިވެހިރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުން ފާހަގަކުރެވެއެވެ. މީގެ އިތުރުން އޭނާ ވަނީ ގިނަ ފަހަރަކު ގައުމީ ޓީމަށް ކުޅެދީފައެވެ. 2017 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް އިފްރާހް ވަނީ ދިވެހިރާއްޖޭގެ ގޯލް ދިފާއުކުރުމުގެ ފުރުސަތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ