މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ގާއިމުކުރި އެމްޕްޓީ ކޮންޓެއިނަރު ޑީޕޯ މިއަދުން ފެށިގެން ޕޯޓުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފިއެވެ. މިއީ ތިލަފުށީ ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރެވުނު މުހިންމު ފެސިލިޓީއެކެވެ.
ޖުމްލަ 2400 ޓީއީޔޫގެ ޖާގަ ލިބޭ މި ޑީޕޯ ހިދުމަތަށް ވަނުމާއެކު، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގައި ޖާގައިގެ ދަތިކަމުން ކުރިމަތިވަމުން އައި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. މިހާތަނަށް ދެ ބަނދަރުގައި ހުސް ކޮންޓެއިނަރުތައް ބެހެއްޓުމުގައި ދިމާވަމުން އައި ދަތިތަކަށް މި ޑީޕޯއިން ވަރަށް ބޮޑު ލުއިއެއް ފޯރުކޮށްދޭނެއެވެ.
މި ޑީޕޯ ތަރައްޤީކުރުމަށްޓަކައި 60 މީޓަރުގެ ކި ވޯލެއް ބިނާކޮށް، ސަރަހައްދުގެ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މީގެ އިތުރުން، ޑީޕޯ އޮޕަރޭޝަނަލް ފެންވަރަށް ގެނައުމަށް އެމްޕީއެލްގެ ޓީމުތަކުން ވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ތިލަފުށީ ޕޯޓަކީ ރާއްޖޭގެ ބަނދަރުތަކުގެ ޚިދުމަތް ފުޅާކޮށް، އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޑީޕޯ ޚިދުމަތަށް ވަނުމާއެކު، ކޮންޓެއިނަރު މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ