ކޮމަންވެލްތު ބީޗް ހޭންޑްބޯލްގައި ސްރީ ލަންކާ ބަލިކޮށް ރާއްޖޭގެ ތާރީޚީ ކާމިޔާބެއް

ކޮމަންވެލްތު ބީޗް ހޭންޑްބޯލްގައި ސްރީ ލަންކާ ބަލިކޮށް ރާއްޖޭގެ ތާރީޚީ ކާމިޔާބެއް

Author
އަހުމަދު
18 ސެޕްޓެމްބަރ 2025 09:31
0

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށިގެން ކުރިއަށްދާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހިރާއްޖެއިން ސްރީ ލަންކާ ބަލިކޮށްފިއެވެ. 2-1 ސެޓުން ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ބީޗް ހޭންޑްބޯލް ތާރީޚުގައި ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ.

ރާއްޖޭގެ ތާރީޚުގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތުގެ ގޮތުގައި ފާހަގަކުރެވޭ މި މުބާރާތުގައި، އަމިއްލަ ފަސްގަނޑުގައި ހޯދި މި މޮޅަކީ ދިވެހި ޓީމަށް ލިބުނު ޚާއްޞަ ހިތްހަމަޖެހުމެކެވެ. މިއަދުގެ މެޗު ކުޅެވުނީ ބައިނަލްއަގުވާމީ ފެންވަރަށް ކުޅުދުއްފުށީގައި ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ބީޗް ހޭންޑްބޯލް އެރީނާގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމުން ދެއްކީ ވަރުގަދަ ކުޅުމެކެވެ. 28-24 ގެ ނަތީޖާއަކުން އެ ސެޓު ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ސްރީ ލަންކާ ޓީމުން ކުޅުން ރަނގަޅުކޮށް 34-26 އިން އެ ސެޓު ހޯދައިފިއެވެ. ސެޓުތައް އެއްވަރުވުމާއެކު ނަތީޖާ ކަނޑައެޅުމަށް ކުޅުނު ޝޫޓް އައުޓް ސެޓުގައި ދިވެހި ޓީމުން 7-4 ގެ ނަތީޖާއަކުން މޮޅުވެ، މެޗުގެ ކާމިޔާބު ހޯދައިފިއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ދިވެހިރާއްޖޭގެ އަހުމަދު ރަޒްނީ މުހައްމަދެވެ.

ދިވެހިރާއްޖެއިން ބީޗް ހޭންޑްބޯލް ކުޅެން ފެށީ ދާދި ފަހުންނެވެ. މިދިޔަ މޭ މަހު އޮމާނުގައި ބޭއްވި އޭޝިއާ މުބާރާތުގައި ހޮންކޮންގް ބަލިކޮށް، ދިވެހި ޓީމަށް ލިބުނު ފުރަތަމަ ބައިނަލްއަގުވާމީ މޮޅާ ހަމައަށް މި ކުޅިވަރުގައި އެއްވެސް ކާމިޔާބެއް ހާސިލުކޮށްފައެއް ނުވެއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަބްދުﷲ ރާފިއު، ކޮމަންވެލްތުގެ އިސް މަންދޫބުން އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ވެރިން ބައިވެރިވިއެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ދިވެހިރާއްޖެ، ސްރީ ލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ އަދި ދެކުނު އެފްރިކާ ހިމެނޭ ހަ ގައުމަކުން ވާދަކުރެއެވެ. ދިވެހި ޓީމުން ކުޅޭ ދެވަނަ މެޗުގައި މާދަމާ ހެނދުނު 8 ގައި ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.