އެމްޑީޕީގެ ވެރިކަމެއް އަންނަނަމަ ރައްޔިތުންނާ މަޝްވަރާކޮށްގެން ސިނގިރޭޓަށް ނަގާ ޑިއުޓީ ކުޑަކޮށް، ވޭޕް މަނާކުރި ގަވާއިދު އުވާލާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ، މިހާރުގެ ސަރުކާރުން ސިނގިރޭޓަށް ނަގާ ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރި ފިޔަވަޅުތަކަކީ ރައްޔިތުންނަށް ދިމާވި ދަތިތަކެއްކަމަށެވެ. އަދި މިކަންކަމަކީ އެމްޑީޕީ ސަރުކާރަކުން ރައްޔިތުންނާ ވާހަކަދައްކައިގެން ބަދަލުކުރާނެ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީޑިއާ ކޮންޓްރޯލް ބިލަކީ ހަމަގައިމުވެސް އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު އުވާލާނެ ޤާނޫނެއް. ހަމައެއާއެކު އަދިވެސް ރައްޔިތުންނަށް ވެފަހުރި ތަކުލީފުތައް. އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕް. މިހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރާނެ ކަންކަން ކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން،" ފައްޔާޟް ވިދާޅުވިއެވެ.
ސަރުކާރުން ވޭޕް މަނާކުރި ފިޔަވަޅު އަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައެވެ. މީގެ އިތުރުން ދުންފަތުގެ އެކި ބާވަތްތަކާއި ވޭޕަށް ނަގާ އިންޕޯޓް ޑިއުޓީވެސް ވަނީ އިތުރުކުރައްވާފައެވެ. 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ގެ ފަހުން އުފަންވި ނުވަތަ އުފަންވާނެ ކުދިންނަށް ދުންފަތް ބޭނުންކުރުމާއި ގަނެވިއްކުންވެސް ވަނީ މަނާކޮށްފައެވެ.
ސަރުކާރުން މިފިޔަވަޅުތައް އެޅުއްވީ ދުންފަތާއި ވޭޕުން ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ސިއްޙީ ޚިދުމަތްތެރިންނާއި ދިރާސާތަކުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން ސަރުކާރުން ވިދާޅުވެއެވެ. ޒުވާން ޖީލުތައް ދުންފަތުން ދުރުކުރުމަށް "ޖެނެރޭޝަނަލް ބޭން" ކަނޑައެޅުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޕޯލެއްވެސް ވަނީ ނަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދުންފަތަށް ނަގާ ޑިއުޓީ ބޮޑުކުރީ ދައުލަތަށް އާމްދަނީ ހޯދުމަށް ނޫންކަމަށާއި، މިގޮތުން ލިބޭ ފައިސާ ބޭނުންކުރާނީ ދުންފަތުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް ކަމަށެވެ.
ފައްޔާޟް އިސްމާޢީލްގެ މިވާހަކަފުޅުގައި މިހާރުގެ ސަރުކާރުން ގާނޫނުތަކަށް ގެނައި އެހެން ބަދަލުތައްވެސް ފާހަގަކުރައްވައި، އެއީ ރައްޔިތުންނަށް ފައިދާހުރި ބަދަލުތަކެއް ނޫންކަމުގައި ވިދާޅުވެ، ސަރުކާރުގެ ގިނަ ސިޔާސަތުތަކެއް ވަނީ ފާޑުކިޔުއްވާފައެވެ.
ކޮމެންޓު ފޮނުވާ