އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިތުރު ބާރުދިނުމުގެ ގޮތުން، އެ ކޮމިޓީތަކުގެ ރައީސުން ސީދާ އިންތިޚާބަކުން ހޮވުމަށާއި، އެ މަޤާމުތަކަކީ ފުލްޓައިމް މުސާރަ ލިބޭ މަޤާމުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ބަދަލުތައް ގެނައުމަށްޓަކައި ޤާނޫނަށް ބޭނުންވާ އިޞްލާޙުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އަންހެނުންގެ ކޮމިޓީތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަންހެނުންގެ ކޮމިޓީތަކަށް ރަމަޟާންމަހުގެ އެލަވެންސް ނުލިބުނު މައްސަލަ ޙައްލުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ ބަޖެޓުގައި މި ކޮމިޓީތަކަށް ކައުންސިލުތަކުން ދޭ ބަޖެޓު ދެގުނަ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަމަޟާންމަހުގެ އެލަވެންސް ވެސް ކައުންސިލްތަކުގެ ބަޖެޓުން ދިނުމަށް ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.
މިހާރު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ ޕާޓްޓައިމް މަސައްކަތްކުރާ ބައެއްކަމަށްވީނަމަވެސް، ކުރިއަށް އޮތްތަނުގައި އެ ކޮމިޓީތަކުގެ ރައީސުން ވާނީ ފުލްޓައިމް މުވައްޒަފުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. މި ރައީސުން އިންތިޚާބު ކުރެވޭނީ ކައުންސިލްތަކުގެ ރައީސުން އިންތިޚާބުކުރާ އުސޫލުން، ސީދާ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސާފުކޮށްދެއްވިއެވެ.
"ސީދާ ރައްޔިތުންގެ ބަހެއް މި ހޯދަނީ. އިންތިޚާބު މިވަނީ ސީދާ ޑަބްލިޔުޑީސީގެ ރައީސާގެ މަޤާމަށް. އެހެންވީމާ، އެ ރަށުގައި އަންހެނުންގެ ފަރާތުން ހުންނަ އެންމެ އިސްމީހާގެ ގޮތުގައި ހަމަ އެ މަޤާމަށް އޭނަ މި ހޮވެނީ" ރައީސް ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޮޑު ކުރިއެރުމަކާއި ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުން ކުރިމަތިލުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. މިއީ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ