ޚިޔާނާތުގެ ކުށް ސާބިތުވެ މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާއަށް 3 އަހަރުގެ ޖަލު ޙުކުމެއް

ޚިޔާނާތުގެ ކުށް ސާބިތުވެ މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާއަށް 3 އަހަރުގެ ޖަލު ޙުކުމެއް

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 06:37
0

ޢުމްރާއަށް މީހުން ގެންދާނެކަމަށް ބުނެ ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން، އަލް މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ މ. ހަވީރީފިނި ޢަލީ ފާރިޝްއަށް 3 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.

ދައުލަތުން ފާރިޝްގެ މައްޗަށް ކުރި ދަޢުވާގައި ފާހަގަކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ނަމުގައި، އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސް އަދި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ދެމަގު ޓިކެޓް ބުކިންގއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަލް މަޝްޢަރު ކުންފުނިން ދޫކުރި 3 ޗެކް ބައުންސްވެފައިވާކަމަށެވެ.

ދަޢުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި ކުށް ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ނިންމެވިއެވެ. ޤާނޫނުލް ޢުޤޫބާތުގެ ދަށުން ފާރިޝްއަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމް ކުރުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 26,350.32 އެމެރިކާ ޑޮލަރު (406,321.93 ރުފިޔާ) އޭސް އޭވިއޭޝަން އަދި އޭސް ޓްރެވެލްއަށް ދެއްކުމަށް ޙުކުމްކޮށްފައިވެއެވެ. މި ފައިސާ 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އަންގާފައިވެއެވެ.

މި މައްސަލާގައި ފާރިޝްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން ޢުމްރާއަށް ގެންދާނެކަމުގެ ވައުދުގައި ގިނަ ފަރާތްތަކުގެ އަތުން ފައިސާ ނަގައި، ޓިކެޓު ނެގުމަށް މުޢާމަލާތުކުރި ކުންފުނިތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ބައެއް މީހުން ޢުމްރާގައި ރާއްޖެ ނާދެވި ދަތިކަމާ ކުރިމަތިލިއެވެ. އަދި އެއްވެސް ގޮތަކަށް ޢުމްރާއަށް ނުދެވި ގެއްލުންވި ފަރާތްތައްވެސް ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.

ޢުމްރާ ޚިދުމަތްތަކުގައި އިހުމާލުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރައްޔިތުންނަށް ނަސޭޙަތްތެރިވަމުން ގެންދަނީ ޢުމްރާއަށް ދިޔުމަށް ފައިސާ ދައްކާއިރު އެއީ އެ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަން ޔަޤީންކުރުމަށެވެ. މިއީ މިފަދަ ޚިޔާނާތުގެ ޢަމަލުތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.