ހަ މަސްދުވަހުގައި ސްކޭމްގެ ގާތްގަނޑަކަށް 1100 މައްސަލަ؛ 11 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

ހަ މަސްދުވަހުގައި ސްކޭމްގެ ގާތްގަނޑަކަށް 1100 މައްސަލަ؛ 11 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން

Author
ހުސައިން
17 ސެޕްޓެމްބަރ 2025 06:31
0

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސްކޭމްގެ ޝިކާރައަކަށްވި މީހުންގެ އަދަދު ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ. މި މުއްދަތުގައި ތަފާތު ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވި، ޖުމުލަ 11،040،491.28 ރުފިޔާ އާއި 138،060.85 އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިމެނެނީ އޮންލައިން ޝޮޕިންގ ނުވަތަ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. މިގޮތުން 491 މައްސަލަ ހުށަހެޅިފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ދޮގު ވާހަކަތަކުގެ 250 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ އިތުރުން އެހެން މީހެއްގެ ގޮތުގައި ހަދައިގެން ފައިސާ ނެގުމުގެ 130 މައްސަލަ އާއި އިންވެސްޓްމަންޓް ފްރޯޑްގެ 32 މައްސަލަ ވެސް ހިމެނެއެވެ.

ފުލުހުންގެ ތަހުގީގުތަކުން ގެއްލިފައިވާ ފައިސާގެ ތެރެއިން 2،515،484.13 ރުފިޔާ އާއި 31،973 އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް ކާމިޔާބުވެފައިވެއެވެ. މިއީ ޖުމުލަ ގެއްލުނު ފައިސާގެ ކުޑަ ބައެއް ކަމުގައިވިޔަސް، ތަހުގީގު އިދާރާތަކުގެ މަސައްކަތުގެ ނަތީޖާއެއް ކަމުގައި ފާހަގަކުރެވެއެވެ.

ސްކޭމްގެ ޝިކާރައަކަށްވި މީހުންގެ ތަފާސްހިސާބަށް ބަލާއިރު 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭއިރު، މަނީ މިއުލްސް ނުވަތަ ފައިސާ ބަދަލުކުރުމުގެ މަސައްކަތް ކުރި މީހުންގެ ގޮތުގައި 328 އަންހެނުންނާއި 1525 ފިރިހެނުން ޝާމިލުވެފައިވެއެވެ. މި އަދަދުތަކުން ދައްކަނީ ސްކޭމަރުން ބޭނުންކުރާ ނެޓްވޯކް ވަރަށް ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކަމެވެ.

ފުލުހުންގެ އިދާރާއިން މި މުއްދަތުގައި ފަސް ތަނެއް ބަލައި ފާސްކޮށް، ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، ފަސް މައްސަލައެއް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ. ކޯޓު އަމުރުގެ ދަށުން 453 ބޭންކް އެކައުންޓް ފްރީޒްކޮށް، އިތުރު 1897 އެކައުންޓް ވަގުތީ ގޮތުން 48 ގަޑިއިރަށް ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މި ތަފާސްހިސާބުތަކުން ފެންނަނީ ޑިޖިޓަލް ފްރޯޑް އަދި ސައިބަރ ކްރައިމްގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމާއި، އާންމުންނަށް މިކަންކަމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ބޮޑުވަމުންދާ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.