ރައްޔިތުންގެ މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބޮޑު އިސްލާހުތަކެއް ގެނެސްފައިވާ ބިލެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ. މިކަން އަސްވާޑް ފާހަގަކުރެއްވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، މީޑިއާތައް ރެގިއުލޭޓް ކުރާނެ އަލަށް ކޮމިޝަނެއް އުފެދޭނެއެވެ. އަސްވާޑު ފާހަގަކުރެއްވި ގޮތުގައި ބިލް ފުރަތަމަ ހުށަހެޅުނުއިރު ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ހުރި ނަމަވެސް، ފާސްވެގެން ދިޔައިރު ގެނައި އިސްލާހުތަކުން އެ ސިފަތައް ނެތިގޮސްފައިވާ ކަމަށެވެ.
"މިހާރު މިއީ ރެގިއުލޭޓަރީ ބިލެއް، މިއީ މިހާރު ކޮންޓްރޯލް ބިލެއް ނޫން، ލިޔެވޭނެ އަދި ހިޔާލުފާޅުވެސް ކުރެވޭނެ" އަސްވާޑް ވިދާޅުވިއެވެ.
ވަޒީރު އަސްވާޑް ސާފުކުރެއްވި ގޮތުގައި، މި ބިލް ހިނގާނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ މައްޗަށް އެކަނި ކަމަށާއި، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކާއި ކޮންޓެންޓް ކްރީއޭޓަރުން ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މައްޗަށް ބިލް ނުހިނގާނެ ކަމަށެވެ. މީގެ އިތުރުން މީޑިއާ ރެގިއުލޭޓް ކުރުމާއެކު، ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް ބިލުން މަގުފަހިވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނުގައި ހިމެނޭނީ ހަތް މެމްބަރުންނެވެ. މީގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކުން ބާއްވާ އިންތިހާބަކުން ކަމަށާއި، މި އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭ އިރު، ކޮންމެ މީޑިއާއަކަށް ދެވޭނީ އެންމެ ވޯޓެކެވެ. ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް ނޯންނާނެއެވެ.
ނޫސްވެރިން އެންމެ ބޮޑަށް ކަންބޮޑުވި ކަމަކީ ވަކިވަކި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލްގައި އޮތުމެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފައާ އެއްގޮތަށް މި ބައި ވަނީ ބިލުން އުނިކޮށްފައެވެ. ކުރިން ބިލްގައި އޮތް ގޮތުން ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވި ނަމަވެސް، މިހާރު ބިލްގައި އޮތީ ސުލޫކީ މިންގަނޑާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ