ނޭޕާލް މީހެއްގެ އަލަމާރިން 14 އަހަރުގެ ކުއްޖަކު ފެނުނު މައްސަލައިގައި ތަހުގީގު ފަށައިފި

ނޭޕާލް މީހެއްގެ އަލަމާރިން 14 އަހަރުގެ ކުއްޖަކު ފެނުނު މައްސަލައިގައި ތަހުގީގު ފަށައިފި

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 11:02
0

މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ ނޭޕާލް މީހެއްގެ ކޮޓަރީގައި ހުރި އަލަމާރިން 14 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ފެނިފައިވާ ކަމަށް ލިބުނު މައުލޫމާތަކުން ހާމަވެއްޖެއެވެ.

މި ހާދިސާ ފާހަގަކުރެވުނީ އުމުރުން 20 އަހަރުގެ ނޭޕާލް ފިރިހެނަކަށް ކުރެވުނު ބަދުއަހުލާގީ ތުހުމަތެއްގެ ދަށުން ފުލުހުން އޭނާގެ ކޮޓަރި ބަލައި ފާސްކުރަމުން ދަނިކޮށެވެ. ކޮޓަރި ފާސްކުރާ ވަގުތު އަލަމާރިން މި ކުއްޖާ ފެނުމުން، ފުލުހުން ވަނީ ވަގުތުން އެ ކުއްޖާ ސަލާމަތްކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުގައި، އެ ނޭޕާލް މީހާ ވަނީ ކުއްޖާ ފަސް ފަހަރު މަތިން އޭނާގެ ކޮޓަރިއަށް ގެންގޮސްފައިވާ ކަމަށް އިއުތިރާފުވެފައެވެ. އަދި ކުއްޖާ ބުނެފައިވާ ގޮތުގައި، ދަންވަރުވެސް އެ ކޮޓަރިއަށް ދިޔަ ކަމަށެވެ.

މި މައްސަލައިގައި ނޭޕާލް މީހާ 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ބަންދަށްފަހު މި މައްސަލައިގައި ކުރިއަށް ގެންދެވުނު އިޖުރާއަތްތަކާ ބެހޭ ތަފުސީލު މިހާތަނަށް ހާމައެއް ނުވެއެވެ.

މީގެ އިތުރުން، މެދުރާއްޖެތެރޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދިޔަ ކަމަށާއި، ގެއްލިގެން ހޯދާ ދަންވަރު އެ ކުއްޖާ ފެނިފައިވާ ކަމަށްވެސް މި ފަހުން އިއުލާންކުރެވުނެވެ. އެ ކުއްޖާ ފެނުނުއިރު ސިއްހީ ހާލަތު ރަނގަޅު ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ކުޑަ ކުދިންގެ ރައްކާތެރިކަމާ ގުޅޭ މި ފަދަ މައްސަލަތަކުގައި، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން، މި ހާދިސާ ހިނގި އަތޮޅާއި ރަށުގެ ނަން މި ރިޕޯޓުގައި ހާމަކޮށްފައެއް ނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.