މީޑިއާ ބިލު ފާސްކުރުމަށް ބާއްވާ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދު

މީޑިއާ ބިލު ފާސްކުރުމަށް ބާއްވާ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދު

Author
ހުސައިން
16 ސެޕްޓެމްބަރ 2025 07:59
0

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ހަތްވަނަ ޖަލްސާއެއް މިއަދު ބާއްވަން މަޖިލީހުން ނިންމައިފިއެވެ. މި ޖަލްސާގެ އެޖެންޑާ އެއް މަޖިލީހުން އަދި އާންމުކޮށްފައެއް ނުވެއެވެ.

މިއަދު ބާއްވާ ޖަލްސާގެ އެޖެންޑާ ވެސް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ނޫސްވެރިން އަދި މީޑިއާ ދާއިރާގެ ފަރާތްތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާ މީޑިއާ ރެގިއުލޭޝަން ބިލު މިއަދު ޖަލްސާގައި ފާސްކުރާނެ ކަމަށް ލަފާކުރެވެއެވެ.

އިއްޔެ ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުން މި ބިލު ފާސްކޮށްފައި ވަނީ، 151 ނޫސްވެރިން ސޮއިކޮށްގެން ބިލު ބޭރުކޮށްލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނަކަށް އެއްވެސް އަހަމިއްޔަތެއް ނުދީއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ނުހަނު ބޮޑު ހުރަސްތަކެއް އެޅޭނެ ކަމަށް ބުނެ، ނޫސްވެރިން މި ބިލާ ދެކޮޅަށް ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދަމުންދެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވެސް މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ޖަމްޢިއްޔާތަކުން ބުނެފައިވަނީ، މި ބިލަކީ ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަން ނައްތާލައި، މީޑިއާގެ މިނިވަންކަމަށް ނިހާޔަތުގެ ގެއްލުން ލިބޭނެ ބިލެއް ކަމަށެވެ. މި ބިލު ފާސްވެއްޖެނަމަ ނޫސްވެރިންނަށް މަސައްކަތް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.