ކުރީގެ ގާޒީ ހަލީމްގެ މައްޗަށް އެޕާޓްމެންޓް ކުލީގެ ދަރަނި ދެއްކުމަށް ސިވިލް ކޯޓުން ދެވަނަ ފަހަރަށް ހުކުމް ކޮށްފި

ކުރީގެ ގާޒީ ހަލީމްގެ މައްޗަށް އެޕާޓްމެންޓް ކުލީގެ ދަރަނި ދެއްކުމަށް ސިވިލް ކޯޓުން ދެވަނަ ފަހަރަށް ހުކުމް ކޮށްފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2025 10:40
0

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުއްޔަށް ހިފާފައިވާ އެޕާޓްމެންޓެއްގެ ކުލީގެ ބިލުތަކާއި މަރާމާތުގެ ޚަރަދު ނުދެއްކުމުގެ މައްސަލައިގައި، އޭނާގެ މައްޗަށް ސިވިލް ކޯޓުން އަލުން އަމުރެއް ނެރެފިއެވެ. މިއީ މި މައްސަލައިގައި އޭނާގެ މައްޗަށް ކޯޓުން ނެރުނު ދެވަނަ އަމުރެވެ.

ރަދުން ރިސޯޓްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހަލީމްގެ މައްޗަށް ކޮށްފައިވާ ދައުވާގައި، އޭނާ ކުއްޔަށް ހިފި އެޕާޓްމެންޓް ނޯޓިސް ނުދީ ދޫކޮށްލުމުން، ނުދައްކާ ހުރި ބިލުތަކާއި މަރާމާތުގެ ޚަރަދުގެ ގޮތުގައި 70،000 ރުފިޔާއާ ގާތް އަދަދެއް ހޯދުމަށް އެދިފައިވެއެވެ. މިދިޔަ ޑިސެމްބަރު 18 ގައި ސިވިލް ކޯޓުން ހަލީމްގެ ޣައިރު ހާޒިރުގައި ނިންމި ހުކުމުގައި، ހަތް ދުވަހުގެ ތެރޭގައި 69،019.22 ރުފިޔާ ދައްކަން އަމުރުކޮށްފައިވެއެވެ.

ހުކުމުގައިވާ ފައިސާ ހަލީމް ނުދައްކާތީ، އެޕާޓްމެންޓް ކުއްޔަށް ދިން ކުންފުނިން މި އަހަރުގެ ފެބުރުއަރީ މަހު ތަންފީޒީ މައްސަލައެއް ހުށަހަޅައިފައިވެއެވެ. ސެޕްޓެމްބަރު މަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން މަޝްވަރާކޮށް، މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއް ހަދާފައިވެއެވެ.

އެއްބަސްވުމުގެ ދަށުން ހަލީމް މަހަކު 3،000 ރުފިޔާގެ ރޭޓުން ދަރަނި އަދާކުރުމަށް އެއްބަސްވެފައިވާއިރު، ދެ މަސް ދުވަހު ފައިސާ ނުދައްކައިފިނަމަ ބާކީ ހުރިހާ ފައިސާ އެކީ އެއްފަހަރާ ނެގުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިގެންވާކަމަށް އެއްބަސްވެފައިވެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ފައިސަލް އާދަމް ނިންމެވި ތަންފީޒު މައްސަލައިގައި، ހަލީމްގެ އިއުތިރާފާއި ލިޔެކިޔުންތަކުން އޭނާ ފައިސާ ދައްކަންޖެހޭކަން ސާބިތުވާކަމަށް ބަޔާންކޮށް، އެއްބަސްވުމުގައިވާ ގޮތަށް މަހަކު 3،000 ރުފިޔާގެ މަގުން ދަރަނި އަދާކުރުމަށް އަމުރުކޮށްފައިވެއެވެ. މި ގޮތަށް ފައިސާ ނުދައްކައިފިނަމަ، ޖުމްލަ ފައިސާ އެކުގައި ހޯދުމަށް ދައުވާކުރުމުގެ ހައްގު ކުންފުންޏަށް ލިބިގެންވާކަމަށް ވެސް ކަނޑައަޅުއްވާފައިވެއެވެ.

2015 ވަނަ އަހަރު ސިވިލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެވުނު ހަލީމް، 2019 ވަނަ އަހަރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލަ ޖެހިފައިވަނީ އޭނާ ފަނޑިޔާރުކަމުން ވަކިވުމަށްފަހު ކުއްޔަށް ހިފި އެޕާޓްމެންޓަކާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.