ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ހަތްވަނަ ޖަލްސާ މާދަމާ ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ، ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހެޅުމެއް ލިބުމުން މި ނިންމުން ނިންމީ ކަމަށެވެ.
މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މިއަދު ދައުރުން ބޭރުގެ ފަސްވަނަ އަދި ހަވަނަ ޖަލްސާ ބޭއްވިފައިވެއެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި ނުވި ނަމަވެސް، މީޑިއާ ރެގިއުލޭޝަން ބިލާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅި މީޑިއާ ރެގިއުލޭޝަން ބިލު ދިރާސާކުރުމަށްފަހު، ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ފާސްކޮށްފައިވެއެވެ. ކޮމިޓީން މި ބިލުގެ ރިޕޯޓް މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމާފައި ވެއެވެ.
މިއަދުގެ ޖަލްސާތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ހުށަހެޅިފައިވާ ނަންތަކަށް ރުހުން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ހުށަހެޅިފައިވާ ނަމަށް ރުހުން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއެވެ. މީގެ އިތުރުން، ރިފަރެންޑަމް ބިލުގެ މަސައްކަތް ވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ