ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ރައީސް

ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ: ރައީސް

Author
ޙަސަން މުޙައްމަދު
15 ސެޕްޓެމްބަރ 2025 01:17
0

ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ މަރުހަލާއެއްގައިވެސް ރައްޔިތުންގެ އަޑު އަހައި، ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޚިޔާލުތައް ބަލައިގަނެވޭކަން ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއިގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ޑިމޮކްރަސީ ދުވަހެއް ފާހަގަކުރަމުންދާއިރު، ޑިމޮކްރަސީގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކުމަށް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސަތު ކަނޑައެޅުމުގައި ކޮންމެ ދިވެއްސެއްގެވެސް އަޑު އަހައި، ހިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަނެވޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވަނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދުނިޔޭގައި އެބަޔަކަށް ހައްޤު މަޤާމު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި އެކު ދެމިތިބި ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ޕޯސްޓުގައި މިކަމާއި ގުޅުވައި އިޝާރާތް ކުރެއްވީ އަމިއްލަ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށެވެ. އެގޮތުން އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްޤު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްޤު ހޯދައިދެންޖެހޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވާއިރު، ޔަހޫދީ ދައުލަތުން ހިންގަމުންދާ ޤަތުލްޢާމް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ކުއްވެރުކުރަމުުންނެވެ. އަދި ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވާ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލާ، ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހި ސަރުކާރުން ދަނީ ބައިވެރިވަމުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އދ. އާންމު މަޖިލީހުން ނިންމާފައިވަނީ 2007 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ނިންމާފަވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޤައުމުތަކުގެ ޑިމޮކްރެސީއަށް ކުރާ މަސައްކަތް ބަލައި، އެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.