ސްޓެލްކޯގެ އާ އެމްޑީ ސަމާހު ވ. އަތޮޅުގެ ރަށްރަށުގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި

ސްޓެލްކޯގެ އާ އެމްޑީ ސަމާހު ވ. އަތޮޅުގެ ރަށްރަށުގެ އޮޕަރޭޝަންތައް ބައްލަވާލައްވައިފި

Author
އަހުމަދު
15 ސެޕްޓެމްބަރ 2025 10:00
0

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެވުނު އަހުމަދު ސަމާހު ރަޝީދު، ކުންފުނީގެ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ވ. އަތޮޅުގެ ރަށްރަށަށް ދަތުރުފުޅެއް ކުރައްވައިފި އެވެ.

ހަފްތާ ބަންދުގައި ކުރެއްވި މި ދަތުރުފުޅުގައި އެމްޑީ ސަމާހުގެ އިތުރުން ސްޓެލްކޯގެ ސީނިޔަ މެނޭޖްމަންޓް ޓީމް ބައިވެރި ވެފައި ވެއެވެ. މި ދަތުރުގައި ސްޓެލްކޯއިން ހިދުމަތް ފޯރުކޮށްދޭ ވ. ފެލިދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، ވ. ރަކީދޫ އަދި ވ. ތިނަދޫއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގައި ހުރި އިންޖީނުގެތަކުގެ ހާލަތު ބައްލަވާލެއްވި އެވެ.

މި ދަތުރުފުޅުގެ ތެރޭގައި އެމްޑީ ސަމާހު، ކޮންމެ ރަށެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ރަނގަޅުކޮށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. ހާއްސަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

އަހުމަދު ސަމާހު ރަޝީދު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެވުނީ މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. މީގެ ކުރިން ދިގު މުއްދަތަކަށް އެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީގެ ބަދަލުގައެވެ. އެމްޑީ ސަމާހުއަކީ މީގެ ކުރިން މިފްކޯ (މޯލްޑިވިއަން އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވި ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.