އަމިއްލަ މެމްބަރަކު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު ބޭރުކުރުމަށް ގޮވާލައި 151 ނޫސްވެރިއަކު ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގެ މަސައްކަތް ނުފަށައި އޮތްތާ ދެ ހަފްތާ ވެއްޖެއެވެ.
މިމަހުގެ 3 ވަނަ ދުވަހު ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅި މި ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވަނީ، ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އުފައްދާ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ޕެޓިޝަން ކޮމިޓީން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ. ޕެޓިޝަން ކޮމިޓީގެ މުގައްރިރު، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ބުނެފައިވަނީ މި މައްސަލަ "ޕާކް ކޮށްފައި" ނޫންކަމަށާއި، މަޖިލީހުގެ އިދާރާއިން ޕެޓިޝަން ލިބުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
"އެއްގޮތަކަށް ވެސް ޕާކު ކޮށްފަ ބޭއްވީކީ ނޫން، އެފަދަ އެއްވެސް ވިސްނުމެއް ނެތް އަޅުގަނޑުމެންގެ،" މުހައްމަދު އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު މާލެއިން ބޭރުގައި ހުންނެވި ނަމަވެސް، މިއަދު މާލެ ވަޑައިގަތުމުން މި ހަފުތާ ތެރޭގައި ޕެޓިޝަންގެ މަސައްކަތް ފެށުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮތުމާއެކު، އެއަށްފަހު ކޮމިޓީ ބައްދަލުވުމެއް ބާއްވައިގެން ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ. އެހެންނަމަވެސް މާދަމާއަކީ މީޑިއާ ބިލު ދިރާސާކުރަން ކޮމިޓީން ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހެވެ.
ޗުއްޓީގައި އޮތް މަޖިލީސް ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަކީ މީޑިއާ ބިލު ފާސްކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށްވާނަމަ، އޭގެ ފަހުން ޕެޓިޝަން ކޮމިޓީ ބޭއްވިޔަސް އޭގެ ބޭނުމެއް ނޯންނާނެއެވެ. މި ކަންބޮޑުވުން ފާޅުކުރުމުން މުހައްމަދު އަލީ ވިދާޅުވީ މާދަމާގެ ޖަލްސާގެ ތަފްސީލު ބެލުމަށްފަހު އެކަމާ ބެހޭގޮތުން ޖަވާބު ދެއްވާނެ ކަމަށެވެ.
ނޫސްވެރިންގެ ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ، ބިލު ފަރުމާކުރުމުގައި ނޫސްވެރިންނާއި އާންމުންނާއި މަދަނީ ޖަމިއްޔާތަކުގެ މަޝްވަރާ ހޯދާފައިނުވާ ކަމަށެވެ. އަދި ބިލުގައި ހިމެނޭ ކޮމިޝަނަށް މައްސަލައެއް ބަލަން ފަށަމުން ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ލިބިދޭތީ، ވަކި ނޫސްތަކަށް ޓާގެޓުކޮށް މުއްދަތެއް ނެތި ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އޮތްކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
ނޫސްވެރިން ވަނީ، މިހާރު އޮތް މީޑިއާ ސެލްފް ރެގިއުލޭޓަރީ ނިޒާމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރުން ހިންގާ ރެގިއުލޭޓަރީ ނިޒާމަކަށް ބަދަލުވެއްޖެނަމަ މީޑިއާގެ މިނިވަންކަން ގެއްލި، މިނިވަން ނޫސްވެރިކަން ހީނަރުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ