ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، މިއަދު އެމްޑީޕީގެ ފަރާތުން ހައުސިން މިނިސްޓްރީ ކުރިމަތީގައި އިޙްތިޖާޖެއް ބާއްވައިފިއެވެ.
ދަރުބާރުގޭ ކުރިމަތީގައި ބޭއްވި މި އިޙްތިޖާޖުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ސަރުކާރުން ދީފައިވާ ވައުދުތައް ހަނދާންކޮށްދިނުމަށް ކަމަށެވެ. މިނިސްޓަރާ ބައްދަލުކުރަން މަސައްކަތްކުރިނަމަވެސް، އެކަން ކާމިޔާބެއް ނުވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ތިން މަސްދުވަސް ވަންދެން ބައްދަލެއް ނުލިބުނީމަ މިތަނަށް އަންނަން މަޖުބޫރުވީ. ބޭރުގައި ތިބެގެން މިނިސްޓަރާ ބައްދަލުކުރަން އެދުނީމު ކާމިޔާބެއް ނުވި. އެތެރެއަށް ވަދެގެން ބައިގަޑިއިރު މަޑުކުރީމަ ބުނީ އެއްވެސް ބޭފުޅަކު ބައްދަލުކުރެވޭ ފެންވަރުގައެއް ނެތޭ. އެބޭފުޅުން ވަލުދޮރާށިން ނިކުމެގެން ދިޔައީ،" މައުރޫފު ވިދާޅުވިއެވެ.
އިޙްތިޖާޖުގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، އެމްޑީޕީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުން ދޫކުރި ފްލެޓްތައް އަވަހަށް ހަވާލުކޮށްދިނުމަށެވެ. މީގެ އިތުރުން ފްލެޓްތަކުގެ އަގު އެމްޑީޕީ ސަރުކާރުން ކަނޑައެޅި މިންވަރަށް ތިރިކުރުމަށާއި، އެޑްވާންސް ފައިސާ ނެގުން ހުއްޓާލުމަށްވެސް އެދިފައިވެއެވެ.
ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކުރާ ގޯތިތައް ހަވާލުކޮށް، ސަރުކާރުގެ ހަރަދުގައި ގެދޮރު އަޅައިދިނުމަށްވެސް އިޙްތިޖާޖުގެ ބައިވެރިން ގޮވާލާފައިވެއެވެ.
މިއަދުގެ އިޙްތިޖާޖަކީ އެމްޑީޕީން ހައުސިން މައްސަލަތަކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށްވާއިރު، އަންނަ މަހުގެ 3 ވަނަ ދުވަހު މާލޭގައި މިކަމާ ގުޅިގެން ބޮޑު އިޙްތިޖާޖެއް ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ