ސްޓެލްކޯގެ އިސްވެރިން ވ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް ޚިދުމަތްތައް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ސްޓެލްކޯގެ އިސްވެރިން ވ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް ޚިދުމަތްތައް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

Author
ޙަސަން މުޙައްމަދު
14 ސެޕްޓެމްބަރ 2025 11:23
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިސްވެރިން މި ހަފުތާގެ ބަންދު ދުވަސްތަކުގައި ވ. އަތޮޅުގެ ފަސް ރަށަކަށް ޒިޔާރަތްކޮށް، ކަރަންޓުގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ފެށިއްޖެއެވެ.

މި ދަތުރުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަމާހު ރަޝީދުގެ އިތުރުން ކުންފުނީގެ އެހެން އިސްވެރިންވެސް ބައިވެރިވެ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫގެ އިންޖީނުގެތަކަށް ޒިޔާރަތްކުރެއްވިއެވެ.

ކޮންމެ ރަށެއްގައިވެސް ސްޓެލްކޯގެ ޓީމް ވަނީ އިންޖީނުގެތަކުގެ ހާލަތު ބަލައި، މުވައްޒަފުންނާ ބައްދަލުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރައްޔިތުން ދިމާވާ ދަތިތަކާއި، ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ކަންކަމާ ބެހޭގޮތުންވެސް ވަނީ މަޢުލޫމާތު ހޯދާފައެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މި ޒިޔާރަތަކީ ވ. އަތޮޅުގައި ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ކުރި ޒިޔާރަތެކެވެ. މި ދަތުރުން ހޯދި މަޢުލޫމާތުގެ އަލީގައި އެ ރަށްރަށުގެ ކަރަންޓު ސިސްޓަމްތައް ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ރޭވުންތައް ތައްޔާރުކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.